މިއަހަރު ރާއްޖެ އައި ފުރަތަމަ ޓޫރިސްޓު ލުއިސް އަދި އާއިލާ
މިއަހަރުގެ ފުރަތަމަ ޓޫރިސްޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ވެލާނާ އެއާޕޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 2025 ވަނަ އަހަރުގެ ފުރަތަމަ ޓޫރިސްޓަކީ ލުއިސް ނަމަކަށް ކިޔުނު މީހެއްކަމަށާއި އޭނާ ރާއްޖެ އައި މިއީ 11 ވަނަ ފަހަރު ކަމަށެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އަންހެނުންގެ އިތުރުން ދަރިފުޅުވެސް ގޮވައިންނެވެ.
މި އާއިލާގެ ހިތުގައި ރާއްޖެއާމެދު ހާއްސަ ލޮތްބެއް އުފެދިފައިވާކަމަށާއި، ރާއްޖޭގެ ގޮނޑުދޮށާއި މީހުންނަށް އޮތް ލޯތްބާ އެކު އެމީހުންނަށް ރާއްޖެއަކީ އާއިލާއެއް ކަހަލަ ތަނެއްކަމަށް ވެލާނާ އެއާޕޯޓުގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
މިއާއެކު ވެލާނާ އެއާޕޯޓުން ބުނީ މި އާއިލާ އަކީ ހަމައެކަނި ރާއްޖެ ޒިޔާރާތްކޮށްލި ޓޫރިސްޓުންތަކެއް ނޫންކަމަށާއި އެމީހުންނަކީ ހަގީގަތުގައިވެސް ދިވެހި އާއިލާއެއް ފަދަ ބައެއް ކަމަށެވެ.
ވެލާނާ އެއާޕޯޓުން ވަނީ ރާއްޖެ އަކީ އެމީހުންގެ ދެވަނަ ގެއަކަށް ހެދުމުން އެކަމަށް ޝުކުރު އަދާކޮށް ފާގަތި އާ އަހަރަކަށް އެދިފައެވެ.
ކޮމެންޓް