ދައުލަތުގެ އާމްދަނީއަށް 274 މިލިޔަން ރުފިޔާގެ އިތުރުވުމެއް

ފަތުރުވެރިން

އެއާޕޯޓް ޓެކްސްއަށް ގެނައި ބަދަލާއިއެކު ދައުލަތުގެ އާމްދަނީއަށް 274 މިލިޔަން ރުފިޔާ އިތުރުވެފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެއަރޕޯޓް ޓެކްސް އާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި ބަދަލާއިއެކު ކުރިން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހެއް އަތުން 30 ޑޮލަރު ނެގި ނަމަވެސް އައު ޤަވައިދުގެ ދަށުން ޑިސެމްބަރ 1 ވަނަ ދުވަހުން ފެށިގެން މި އަދަދު ވަނީ 50 ޑޮލަރަށް ބަދަލުކޮށްފައެވެ.

ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރެއްގެ އަތުން މީގެކުރިން 50 ޑޮލަރު ނެގި ނަމަވެސް، މިހާރު ނަގަނީ 120 ޑޮލަރެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހެއްގެ އަތުން ކުރިން 90 ޑޮލަރު ނެގިއިރު އައު ބަދަލާއިއެކު މިހާރު ނަގަނީ 240 ޑޮލަރެވެ. މީގެއިތުރުން ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން 120 ޑޮލަރު ނަގަމުން އައިނަމަވެސް، 1 ޑިސެމްބަރގެ ފަހުން ނަގަމުންދަނީ 480 ޑޮލަރެވެ.

މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 26ގެ ނިޔަލަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެގޮތުގައި ދައުލަތައް ލިބިފައިވަނީ 988 މިލިޔަން ރުފިޔާއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި، މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރި ފަރާތްތަކުގެ ތެރެއިން 97.8 އިންސައްތަ ދިވެހިން ދަތުރުކުރީ އިކޮނޮމީ ކްލާހުގައެވެ. އަދި ރާއްޖެއައި ބިދޭސީންގެ 90.2 އިންސައްތަ ދަތުރުކުރީ އިކޮނޮމީ ކްލާހުންކަމަށް މީރާގެ ތަފާސްހިސާބުތަކުންދައްކައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.