މާލޭގެ މަގުތަކުގައި ޓޯކް ކުރަނީ : ފުލުހުން
މާލެގެ ކާރޫބާރޫ ބޮޑުވާ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފުލުހުން ވަނީ ބުރާސްފަތި ދުވަހު ފަށްޓަވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯވ ކުރަން ފަށާފައިވަނީ، ބޮޑުތަކުރުފާނު މަގު، އަމީނީ މަގު، މަޖީދީ މަގު، އޯކިޑް މަގު، އަމީރު އަޙްމަދު މަގު އަދި ސޯސަން މަގުގެ އިތުރުން، އައިޖީއެމްއެޗް އަދި ވިލިގިލި ފެރީޓާމިނަލް ސަރަހައްދުންނެވެ.
މިމަސައްކަތުގެ ދަށުން ޓޯވ ކުރަމުންދާ އުޅަނދުތަކަކީ، ދަތުރުފަތުރަށާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތައް ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ތަކެވެ. މިމަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ފުލުހުން ވިދާޅުވީ، މިހާތަނަށް 150 އުޅަނދު ޓޯވކޮށްފައިވާކަމަށެވެ. އަދި އެއީ މުޅިންވެސް ސައިކަލުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވަނީ މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމުންގެ ފަރާތުން އެއްބާރުލުމަށް އެދިވަޑައިގެންފައެވެ. އަދި އެކަމުގައި ޢާންމުންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓް