ފަލަސްތީން
ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ މުސްލިމުންނަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޤަތަރު ރެޑް ކްރެސެންޓުން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު ބަންދުކޮށްފައިވާ 6،000 ކޭސް ފެން ފަލަސްޠީންގެ ރައްޔިތުންނަށް ވަނީ ފޯރުކޮށްދީފައެވެ. މި ތަކެތި ފޯރުކޮށްދީފައިވަނީ އަލް ޝިފާ އަދި އަލް ހަޔާތު ހޮސްޕިޓަލްގައި ތިބި ބަލިމީހުންނަށެވެ. ދިވެހިރާއްޖޭގެ ޒަކާތު ފަންޑުގެ އެހީގައި 60،000 ފަލަސްޠީންގެ މުސްލިމުންނަށް 50،000 ފެން ކޭސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިސްރާޢީލުގެ ނިރުބަވެރި ޔަހޫދީން ފަލަސްޠީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ހައުސްއިން 1 ލައްކަ ޑޮލަރުގެ އެހީއެއް ދިނުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.
ކޮމެންޓް