ޕީއެސްއެމްގެ ޗެއަރމަނަކަށް އައްޔަންކުރެއްވި އާމިނަތު ނަމްޒާ
ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ނަސްރީން އަދި ޗެއަރމަނަކަށް އާމިނަތު ނަމްޒާ އައްޔަނުކުރައްވައިފިއެވެ.
ނަސްރީން މި މަގާމަށް އައްޔަން ކުރައްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު ސަޢީދު މި މަހުގެ 17ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ނަސްރީން ހުންނެވީ ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރުކަމުގެ މަގާމުގައެވެ. ނަސްރީނަކީ ބިޒްނަސް މެނޭޖްމަންޓާއި އިނޮވޭޝަން އަދި މާކެޓިން ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ނަސްރީން ވަނީ މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވާސިޓީން ބެޗްލާސް ޑިގްރީ އިން ޕްރޮފެޝަނަލް ޑިޒައިން ފަސްޓް ކްލާސް ހޮނަރސް ހާސިލުކުރައްވާފައެވެ. އަދި ތައިލެންޑުގެ ކޮލެޖް އޮފް އިނޮވޭޝަން އެޓް ތަމަސަޓް ޔުނިވާސިޓީން ސާވިސް އިނޮވޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީވެސް ވަނީ ހާސިލުކުރައްވާފައެވެ.
ނަސްރީން މިހާރު ގެންދަވަނީ މެލޭޝިއާގެ ޓެއިލަރސް ޔުނިވަރސިޓީގެ ސްކޫލް އޮފް ބިޒްނަސްއިން ވިޔަފާރީގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީއަށް ކިޔަވާ ވިދާޅުވަމުންނެވެ.
ޕީއެސްއެމްގެ ޗެއަރމަނަކަށް އައްޔަންކުރެއްވި އާމިނަތު ނަމްޒާއަކީވެސް މީޑިއާގެ ދާއިރާގައި މަސައްކަތއްކުރައްވާ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ނަމްޒާ މިހާރު ހުންނެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރުގެ ނައިބުގެ މަޤާމުގައެވެ.
ކޮމެންޓް