މަގާމުތަކަށް މީހުން އައްޔަންކުރަނީ ކޮރަޕްޝަން ހިންގާ ވައްކަން ކުރާކަށް ނޫން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ސަރުކާރުގެ މަތީ މަގާމުތަކަށް މީހުން އައްޔަން ކުރަނީ ކޮރަޕްޝަން ހިންގައި ވައްކަން ކުރަން ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީސް ބޭރުގައި ބައެއް ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކޮރަޕްޝަން ހިންގައި، ގަވާއިދާ ހިލާފަށް ކުރާ ކަމެއް ހުއްޓުވުމުގައި އެ މަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގައި މިދިޔަ ދުވަސްތަކުގައި ވެސް އެކި ކަންތަކުގައި، އެކި މީހުން އެގޮތަށް ކޮށްފައި ހުރި ކަންކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން އެކަމަށް ފިޔަވަޅު އަޅައި، ކަމާބެހޭ ފަރާތްތަކަށް އަންގާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މަގާމުތަކަށް އައްޔަންކުރާ މީހުންގެ ޒިންމާއަކީ އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަމަށް ހުރަސްއެޅޭ ގޮތަކަށް ނޫނީ އެނޫން ގޮތަކަށް ކަމެއް ކުރާކަމަށް ގަބޫލު ކުރެވޭނަމަ އެކަން ހުއްޓުވާ އެމީހަކު އެތަނުން ދުރުކުރާނެކަމަށެވެ. އިތުރަށް ރައީސް ވިދާޅުވީ މި ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދަ އާއި ނުގަވާއިދުން ހިންގާ ކަންކަމާ ދުރުވެފައި އޮތް ސަރުކާރަކަށް ހެދުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އަދި އެ ވައުދުގެ މަތީގައި ދެމިހުންނެވިކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ކުރީގެ ސަރުކާރުތަކުގައި ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު ނާޅާދޫކޮށް ނުލިޔަސް މި ސަރުކާރުން އެގޮތަށް ކަންތައްތައް ނުކުރާނެ ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރާ ނަމަ، ފިޔަވަޅު އަަޅާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.