ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް އެޗްޑީސީގެ އެމްޑީއަކަށް

މައުރޫފް ޖަމީލް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އާ މެނޭޖިން ޑިރެކްޓަރަކަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ޕީސީބީން މިއަދު އައްޔަން ކޮށްފި އެވެ.

ޕީސީބީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެޗްޑީސީގެ އެމްޑީގެ މަގާމު އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް މ. ދޫރެސް މުހައްމަދު މައުރޫފް ޖަމީލު މިއަދު އައްޔަން ކޮށްފައި ވާކަމަށާއި، ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައި ވާތީ، އޭނާގެ އިސްތިއުފާ ގަބޫލުކޮށް މިއަދުން ފެށިގެން އެމަގާމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.

މި މަގާމުން އިސްތިއުފާ ދެއްވަމުން ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫންކަމަށާއި، އެދެނީ އެ ތުހުމަތު ތަކުގެ ހަގީގަތް ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ހާމަވުމަށް ކަމަށެވެ.

ފަޒުލް ވިދާޅުވީ މި ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުންނާއި، ކުންފުންޏާއި ސަރުކާރުގެ ސިޔާސަތު ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް ފުލުހުން ވަނީ ފަޒުލް ރަޝީދަށް އަދި އެއްވެސް ތުހުމަތެއް މިހާތަނަށް ނުކުރެވޭ ކަމަށް ބުނެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.