އެމްޑީޕީން
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލައިގައި ކުރިއަށް ގެންދާ ބޮޑު ތަހުގީގު އިންސާފުވެރި ނުވާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނީ މިމައްސަލައިގެ މައުލޫމާތު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ފެންމަތިވެގެން އުޅޭ ގޯތިތަކުގެ މައްސަލައާއި ނިމިދިޔަ އެމްޑީޕީ ސަރުކާރާ ގުޅުވާފައިވާ ކަމަށް ބުނެ އެވެ.
އެމްޑީޕީގެ ފާޑުކިޔުން ފުލުހުންގެ ތަހުގީގަށް އަމާޒުވީ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލައިގައި ތުހުމަތު ކުރެވޭ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ތަހުގީގު ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ފުލުހުން ހާމަކުރުމާ ގުޅިގެންނެވެ.
ފަޒީލް އަކީ އޭނާއަށް ގޯތި ލިބުނު ކަމަށް ބުނާ ހުޅުމާލެ ހިންގާ ކުންފުނި -- އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ އެވެ.
ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ފަޒީލް ތަހުގީގަށް ހާޒިރުކުރުމުން އޭނާ އަތުގައި އޮތް ސައްހަ ނޫން ލިޔުމަކީ ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމު ހިންގުމަށް އިސްކޮށް ހުންނެވި ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާ ބައްދަލުކުރުމުން އޭރު ދީފައިވާ ލިޔުމެއް ކަމަށެވެ.
ފުލުހުންގެ މި ތުހުމަތާ ގުޅިގެން އެމްޑީޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ވިދާޅުވީ ދުވަހަކުވެސް އޭނާއާ ފަޒީލްއާ ބައްދަލުވެފައި ނެތް ކަމަށެވެ. އަދި ފަޒީލް އަތުގައި އޮތް ލިޔުމުގެ ފޮރެންސިކް ތަހުލީލެއް ނުހަދައި ފަޒީލް އަތުގައި އޮތް ލިޔުމަކީ ކުރީ ސަރުކާރުން ދިން ލިޔުމެއް ކަމަށް ހަދައި ފުލުހުން ދެއްކީ ސިޔާސީ ވާހަކަތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ފަޒީލްއާ ބައްދަލުކުރި ނަމަ ހައުސިން މިނިސްޓްރީގައި އެ މައުލޫމާތު ހުންނާނެ. އެތަނަކީ މީހަކާ ބައްދަލުކޮށްފިނަމަ އެ ބައްދަލުވުމެއްގެ މައުލޫމާތު ޔައުމިއްޔާ ކުރާ ތަނެއް،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ވައްކަމާއި ޖަރީމާތައް ހުއްޓުވޭނީ ރައްޔިތުން އެކަމާ ދެކޮޅަށް ނިކުމެ އަޑުއުފުލައިގެން ކަމަށެވެ. އެހެންވެ ރައްޔިތުން އިހްތިޖާޖު ކުރުމަށްވެސް އަކްރަމު އެދިވަޑައިގެންނެވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ގާނޫނީ މަސައްކަތްތަކުގައި އުޅުއްވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް ހެޑް އަހްމަދު މައުރޫފް ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްއާއި އޭނާގެ ބޭބެ ފަޒީލްއަށް އަމާޒުވެފައި އޮތް ގޯތިތަކުގެ މައްސަލައިގައި ސައްހަ ނޫން ލިޔެކިޔުން ހަދާފައިވާތީ ފުލުހުން ފުރަތަމަ ކުރަންޖެހޭ ކަމަކީ އެ ލިޔުމުގެ ސައްހަކަން ފޮރެންސިކް ތަހުލީލުން ދެނެގަތުން ކަަމަށެވެ. އެކަމަކު އެކަން ފުލުހުން ނުކޮށް ކުރީގެ ސަރުކާރުގެ ވެރިންގެ ބޮލުގައި އިލްޒާމުތައް އެޅުވީ މިހާރު ފެންމަތިވެގެން އުޅޭ ސައްހަ ނޫން ލިޔުންތަކަކީ މިސަރުކާރުގައި އުފައްދާފައިވާ ތަކެތިކަން ފުލުހުންނަށްވެސް އެނގޭތީ ކަމަށެވެ.
"ފުލުހުންނަކަށް ނުކުރޭނެ އެ ލިޔުންތަކުގެ ފޮރެންސިކް ތަހުލީލު ހަދައި އެ މައުލޫމާތު ހާމަކުރާކަށް. އެކަން ކޮށްފިނަމަ އެނގޭނެ އެ ލިޔުންތައް ދޫކުރީ މިސަރުކާރުގައިކަން. ފުރަތަމަ ކުރަންޖެހޭ ކަމަކީވެސް އެ ލިޔުންތަކުގެ ފޮރެންސިކް ތަހުލީލު ހަދައި އޭގެ ސައްހަކަން ދެނެގަތުން. މިޒަމާނުގައި އެއީ ކޮށްލަން ނުލާހިކު ފަސޭހަ ކަމެއް. އަނެއްކާ ފުލުހުން ބުނާ ގޮތުގައި އޭޝިއާ ސަރަހައްދުގައިވެސް ހުރި އެންމެ ރަނގަޅު ލެބޯޓަރީ ހުރި ތަނެއް އެ އިދާރާ އަކީ،" މައުރޫފް ވިދާޅުވި އެވެ.
ކޮމެންޓް