ފައްޔާޒް ވަނީ ޓެރަރިޒަމަށް ހިތްވަރުދީފަ : އަބްދުއްރަހީމް

މަޖިލީހުގެ ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދުރޭ

ރާއްޖޭގެ ފުރަތަމަ ރައީސް އަމީން އަށް ހެދިހެން ރައީސް ހަދަން ޖެހިދާނެ ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ދެއްކެވި ވާހަކައަކީ ޓެރަރިޒަމްއަށް ހިތްވަރު ދިނުން ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެއީ "ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން" ކަމަށެވެ. އެކަން ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭ ކަމަށާއި އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެ ކަމެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާންމުންނަށް އަނިޔާވެރިވުމުން އާންމުން ކުޅޭނީ ތާރީހުގެ ފޮތްތަކުން ކަމަށާއި، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އަށް ހެދިހެން ރައީސް މުއިއްޒަށް ހަދަން ޖެހިދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވި މައްސަލަ ތަހްގީގުކޮށް ފިޔަވަޅު އަޅަން ގޮވާލައި ކުއްލި މައްސަލައެއް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، ރައީސަށް ހަދަން ޖެހޭނީ އަމީނަށް ހެދިގޮތަށް ކަމަށް ބުނެ އެމްޑީޕީން ދެއްކި ވާހަކަތަކަކީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރުދޭ ކަމެއްކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި، މިއީ އެ ގާނޫނުގައިވާ ގޮތުން ކުށެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން މި ވާހަކަތައް ދައްކާފައިވަނީ ވަކި ފިކުރެއް ކުރިއަރުވައި އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށާއި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުމުގެ މަގްސަދުގައި ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.