އއ. މަތިވެރީގައި
އއ. މަތިވެރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އއ. އަތޮޅުގެ ބައެއް ރަށްތަކާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރު މިސަރުކާރުން އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި މަތިވެރީގައި އެއާޕޯޓެއް އެޅުން ހިމެނޭ ކަމަށެވެ.
މަތިވެރީގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމީ ގިނަ ރިސޯޓްތަކެއް އއ. އަތޮޅުގައި ހިންގަމުންދާތީ ހިންގާތީ އެ އަތޮޅަށް އެއާޕޯޓެއް ކޮންމެހެން ބޭނުންވާތީ ކަމަށެވެ. އއ. އަތޮޅަކީ އެއާޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އަތޮޅެއް ކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެއާޕޯޓެއްގެ އެއްވެސް މަސައްކަތެއް ފެށިފައި ނުވާ އަނެއް އަތޮޅަކީ ވ. އަތޮޅެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ހިންގި 50 ކޮޓަރީގެ ގެސްޓްހައުސް ކަސާ މިއާ ވެސް މަތިވެރީގެ ރައްޔިތުންނަށް ލިބޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ މިޖަލްސާގައި ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް އެންމެ ބޭނުންވާނެ ކަންކަމަށް އިސްކަންދީގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. މިއަހަރުގެ ބަޖެޓުގެ ތެރެއިން އެގޮތަށް މަސައްކަތް ކުރަން ހުރަސްތަކެއް ހުރި ނަމަވެސް އަންނަ އަހަރުން ފެށިގެން މިސަރުކާރުގެ ވައުދުތައް ފުއްދުމުގެ މަސައްކަތް ބަޖެޓުގެ ތެރެއިން ހިނގާނެ ކަމަށްވެސް ވިދާޅުވި އެވެ.
ކޮމެންޓް