12 އެއާލައިނަކާއެކު ސީ ޓު އެއާ ކާގޯގެ ހިދުމަތުން 1000 ޓަނުގެ މުދާ އެކްސްޕޯޓު ކޮށްފި

ސީ ޓު އެއާ ކާގޯގެ ހިދުމަތުން 1000 ޓަނުގެ މުދާ އެކްސްޕޯޓު

12 އެއާލައިނަކާއެކު ސީ ޓު އެއާ ކާގޯގެ ހިދުމަތުން 1000 ޓަނުގެ މުދާ އެކްސްޕޯޓު ކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފޯރުކޮށްދެމުންދާ ސީ ޓު އެއާ ކާގޯގެ ހިދުމަތަށް ވާޖިން އެޓްލާންޓިކް މިއަދު ގުޅުނުކަމަށާއި މިއާއެކު ސީ ޓު އެއާ ޓްރާންސްޝިޕްމެންޓު ވީއައިއޭގައި 12 އެއާލައިނަކުން ފޯރުކޮށްދެމުން ދާކަމަށެވެ.

އެމްއޭސީއެލް އިން ބުނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި ފެށި މި ހިދުމަތުގައި މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކޮށްފައިވަނީ ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގާމެންޓް ޝިޕްމަންޓްތައް ކަމަށެވެ. ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑު އަންނައުނު ވިޔަފާރި ކުރަމުންދާ ބަންގްލަދޭޝް އިން އިންޑިއާގެ ބަދަލުގައި ރާއްޖެ މެދުވެރިކޮށް ގާމެންޓު އެކްސްޕޯޓު ކުރަން ނިންމީ އިންޑިއާގެ އެއާޕޯޓުތަކާ، ޕޯޓުތަކަށް ބާރު ބޮޑުވެ ތަކެތި އެކްސްޕޯޓު ކުރުމުގައި ލަސްތަކެއް ދިމާވާތީ ކަމަށް ބޭރުގެ ހަބަރުތަކުގައި މީގެ ކުރިން ވަނީ ރިޕޯޓު ކޮށްފައެވެ.

މިއާއެކު ދުނިޔޭގެ އެންމެ މަޝްހޫރު ގާމެންޓު ބްރޭންޑުތައް ކަމަށްވާ އެޗްއެންއެމް އަދި ޒާރާ ފަދަ ގާމެންޓު ބްރޭންޑުތަކުގެ ޝިޕްމެންޓުތައް ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވަނީ ރާއްޖެ މެދުވެރިކޮށެވެ.

ވީއައިއޭގައި ސީ ޓު އެއާ ޓްރާންސްޝިޕްމަންޓް ހިދުމަތް ދެމުންދާ އެއާލައިންތައް:

  • ޓާކިޝް އެއާލައިން

  • ގަތަރު އެއާވޭސް

  • އެމިރޭޓްސް އެއާލައިން

  • އިއްތިހާދު އެއާވޭސް

  • އެރޯފްލޮޓް

  • ނިއޯސް

  • ގަލްފް އެއާ

  • ޑިސްކަވާ އެއާލައިންސް

  • އޮސްޓްރައިން އެއާލައިންސް

  • ކޮންޑޯ

  • ބްރިޓިޝް އެއާވޭސް

  • ވާޖިން އެޓްލާންޓިކް

އެމްއޭސީއެލް އިން ބުނީ ސީ ޓު އެއާ ކާގޯގެ ހިދުމަތާއެކު ވީއައިއޭއިން ދޭ ހިދުމަތްތައް ފުޅާވެގެން ގޮސްފައިވާކަމަށާއި، ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވީއައިއޭގެ ހިއްސާ އޮތުމަކީ ރާއްޖޭގެ އިގޮތިސާދަށް އެމްއޭސީއެލް އިން ވަމުން އަންނަ ހިއްސާއިތުރަށް ވަރުގަދަ ވާނެ ކަމެއް ކަމަށެވެ.

ސީ ޓު އެއާ ކާގޯގެ ހިދުމަތަކީ ކަނޑުމަގުން ގެންނަ މުދާ ޓްރާންސިޓުކޮށް ވައިގެ މަގުން އެހެން ގައުމުތަކަށް ފޮނުވުމެވެ. ރާއްޖޭގައި މި މަސައްކަތް ފެށުމުގެ ގޮތުން އެމްޕީއެލް އިން ފުރަތަމަ ފަހަރަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މާޗް މަހު ޓާކިޝް އެއާލައިނާ އެކުއެވެ. ފުރަތަމަ ކާގޯ ޝިޕުމެންޓު ފޮނުވީ މި އަހަރުގެ މެއި މަހުއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.