ހަސަން ލަތީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން ބިލު ރައްޔިތުންގެ މަޖިލީހުން ފާސްނުކުރުމަށް ދަ ޑިމޮކްރެޓްސއިން ގޮވާލައިފިއެވެ.
މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި އެއް މުއައްސަސާ އަކަށް ބަދަލުކުރުމަށް އެދި މި ބިލު ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާން އަބޫބަކުރުއެވެ.
އެކަމާ ގުޅިގެން ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައި ބުނީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން އަދި ރާއްޖޭގެ ގާނޫނުއަސާސީއިން ވެސް ބަލައިގަނެފައިވާ އެންމެހާ ހަމަތަކާއި އުސޫލުތަކަށް ބެލުމެއްނެތި ނޫސްތަކުގެ މައްޗަށް ކަންކަން މަޖުބޫރުކުރުމާއި ނޫސްވެރިންނަށް އަދަބު ދިނުމާއި ނޫސްތައް ބަންދުކުރުމުގެ ބާރު އަތަށް ނެގޭގޮތަށް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅާފައިވާތީ އެ ޕާޓީއިން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.
ބްރޯޑްކާސްޓްކުރުން ވަކި ހަމައަކުން ދައުލަތުގެ އިދާރާއަކުން ރެގިއުލޭޓްކުރުމަށް ދެވޭ އިހުތިޔާރަކީ ޗާޕްކޮށްގެންނާއި އޮންލައިންކޮށް ހިންގާ ނޫސްތަކުގެ މައްޗަށް ވެސް އޮތް އިހުތިޔާރެއްކަމަށް ހެދުން ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެއެވެ.
ދަ ޑިމޮކްރެޓްސްއިން ބުނީ ޑިމޮކްރެޓިކް ނިޒާމެއްގައި އަދި ރާއްޖޭގެ ގާނޫނުއަސާސީން ލިބިދޭ މިނިވަންކަމުގެ ތެރެއިން ވެސް ޗާޕްކޮށްގެންނާއި އޮންލައިންކޮށް ނޫސް ހިންގުމަކީ ސަރުކާރުން ލައިސަންސެއް ނުވަތަ ހުއްދައެއް ނުވަތަ ރެޖިސްޓްރޭޝަނެއް ހޯދައިގެން ކުރަންޖެހޭކަމަކަށް ނުވާއިރު، އެގޮތަށް މަޖުބޫރުކުރުވާފައިވާކަމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ނޫސް ހިންގުން ވާންޖެހެނީ ފުރިހަމައަށް އެއްކޮށް އަމިއްލައަށް ރެގިޔުލޭޓްކުރެވިގެން ހިންގޭ ނޫސްވެރިކަމަކަށް ކަމަށް އެ ޕާޓީިއިން ބުނެއެވެ.
އެ އިދާރާ އަތުރާލާފައި ވަނީ ވެސް ރައީސްއަށް ކޮންޓްރޯލް އޮންނަ ގޮތުގައިކަން ފާހަގަކޮށް ދަ ޑިމޮކްރެޓްސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ތެދު ބަސް"އަކީ ސަރުކާރަށް ނުވަތަ އެނޫން ވެސް ވަކިފަރާތަކަށް އޮންނަ "މޮނޮޕޮލީ" އަކަށްނުވާއިރު، ސަރުކާރު ހިތް ނުރުހޭ ގޮތަކަށް މައުލޫމާތު ޝާއިއުކުރެވިދާނޭކަމުގެ ބިރަށް، އެ މައުލޫމާތެއް ޝާއިއުކުރުމުގެ ކުރިއަށް ނަފުސު ސެންސަރުވެގެން އެ މައުލޫމާތެއް ވަކިގޮތަކަށް ބައްޓަންކުރުމަށް މަޖުބޫރުކުރުވާގޮތަށް އެ ބިލު ފަރުމާކޮށްފައިވުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ނަގައިލުމުގެ އަމަލެއްކަމަށް ވެސް ދަ ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.
ކޮމެންޓް