ރައީސް ފެއްޓެވީ ސިއްހީ ނިޒާމުގެ އާ ބާބެއް: ނާޒިމް

ނާޒިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިގެން އުޅުއްވަނީ ސިއްހީ ނިޒާމުގެ މުޅިން އާ ބާބެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވިލިމާލެ ހޮސްޕިޓަލްގައި މުޅިން އަލަށް ދަތުގެ ފަރުވާގެ ހިދުމަތް އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ނާޒިމު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ފައްޓަވާފައިވަނީ ސިއްހީ ހިދުމަތުގެ ތާރީހުގައިވެސް މުޅިން އާ ސަފްހާއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅާވީ މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލްތައް އެއް ނިޒާމެއްގެ ތެރެއިން ހިންގާ ގޮތަށް ހަމަޖެއްސުން އެއީ ސިއްހީ ނިޒާމުގެ މުޅިން އަ ބާބެއް ފެށިގެން ދިއުން ކަމަށެވެ.

"މިކަމުގެ ހެޔޮ ނަތީޖާވެސް ފެންނަން ފަށާނެ،" ނާޒިމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮތް ގައުމެއްގައި ކަމާ ގުޅޭ އިދާރާތައް ގުޅިގެން ނޫނީ ސިއްހީ ހިދުމަތް އެންމެ ފުރިހަމައަށް ނުދެވޭނެ ކަމަށެވެ. އެހެންކަމުން ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ސިޔާސަތު ކަނޑައަޅާ ހިސާބުންވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ވިލިމާލޭގައި މިސަރުކާރުން އަޅާ 100 އެނދުގެ އާ ހޮސްޕިޓަލްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ވިލިމާލެ ހޮސްޕިޓަލް މިހާރު ހުރި ބިމުގައެވެ. އެހެންވެ މިމަޝްރޫއު ފެށުމަށްޓަކައި ވިލިމާލެ ހޮސްޕިޓަލްގައި މިވަގުތު ދެމުންދާ ހިދުމަތްތައް ބަދަލުކުރާނެ ތަނެއް މިހާރު ނިންމަވާފައިވާ ކަމަށާއި، އެތަނަށް ހިނގާނެ ހަރަދުތައް ހޯދުމުގެ ކަންކަން ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ނާޒިމު އިތުރަށް ވިދާޅުވީ ސިއްހީ ކަންތައްތަކަށް އާންމުން ހޭލުންތެރިވުން މުހިއްމު ކަމަށާއި، ސިއްހީ ހިދުމަތަތަކަށް މީހުން އަހުލުވެރިވާން ޖެހޭ ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.