ޣައްޒާގައި ހިންގާ ޤާނޫނާ ޚިލާފު ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

ރައީސް ޑރ. މުޢިއްޒު ވާހަކަފުޅު ދައްކަވަނީ

ޣައްޒާގައި ހިންގަމުންދާ ޤާނޫނާ ޚިލާފު ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީކުރުވަން ޖެހޭނެ ކަމަށް ވިދާޅުވި

(އައި.ސީ.ޖޭ.)ގައި ކުރިއަށްދާ ޣައްޒާގެ މައްސަލައަށް ދިވެހިރާއްޖެއިން ތަދައްޚުލުވާން ހުއަޅުއްވާފައިވާކަން ހާމަކުރައްވައި، ޣައްޒާގައި އިސްރާއީލުން ހިންގާ ޤާނޫނާ ޚިލާފު ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

މި ކަން ހާމަކުރައްވައި އެކްސްގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި، ސައުތު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ހުށަހެޅި "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ޣައްޒާ ސްޓްރިޕް،" މައްސަލައިގައި އައި.ސީ.ޖޭ.ގެ ޤާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ރާއްޖެއިން ތަދައްޚުލުވާން ހުށައަޅައިފައިވާކަމުގައި ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޣައްޒާގައި ހިންގަމުންދާ ޤާނޫނާ ޚިލާފު ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީކުރުވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައްވަމުން، ޤާނޫނުގެ ވެރިކަން ދަމަހައްޓަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންސާނީ ޙައްޤުތައް ނެގެހެއްޓުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރުން ތަކުރާރުކުރައްވާ، ދިވެހިރާއްޖެއިން ޚިޔާރުކުރާނީ އިންސާނީ، ސުލްޙައާއި އަދި އިންސާފުގެ މަގުކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދަވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަގުތުން މިކަމަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލެއްވުމުގެ އިތުރުން، އެމަނިކުފާނު ވަނީ 1967ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ގޮވާލައްވާފައެވެ.

އައި.ސީ.ޖޭ.ގައި ސައުތު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ހުށަހެޅި މި މުހިންމު މައްސަލައިގެ ތެރެއަށް ދިވެހިރާއްޖެއިން ތަދައްޚުލުވެފައިމިވަނީ ޒަމާނުއްސުރެ ދިވެހިރާއްޖެއިން ފަލަސްޠީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންގެންދާ މުހިންމު މަސައްކަތާ އެއްގޮތްވާގޮތުގެ މަތިންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.