ހުޅުމާލެ މާސް އިންސްޕެކްޝަންގެ ތެރެއިން
އިންސްޕެކްޝަންގައި ޖުމްލަ 314 ތަން ބަލައި ފާސްކޮށް 769 ބިދޭސީންނާ ވަނީ ސުވާލުކޮށްފަ
އިއްޔެ ކުރިޔަށް ގެންދިޔަ މާސް އިންސްޕެކްޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ 92 ދިވެހިންނަށް ވަނީ ލިޔުމުން ނަސޭހަތްދީފިއެވެ.
މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގެ ފޭސް 01 އަދި 02 ހިމެނޭގޮތަށް 27 ޒޯނަކަށް ބަހާލައިގެންނެވެ. މި އިންސްޕެކްޝަންގައި އިމިގްރޭޝަންގެ 200 އަށްވުރެން ގިނަ އޮފިސަރުން ވަނީ ބައިވެރިވެފައެވެ. އަދި އިމިގްރޭޝަންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެސް މި އިންސްޕެކްޝަންގައި ވަނީ ބައިވެރިވެފައެވެ. މި އިންސްޕެކްޝަންގެ މަޤްސަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުމެވެ.
އެގޮތުން މި އިންސްޕެކްޝަންގައި ޖުމްލަ 314 ތަން ބަލައި ފާސްކޮށް 769 ބިދޭސީންނާ ވަނީ ސުވާލުކޮށްފައެވެ. ސުވާލުކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައެވެ. އަދި ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް ވަނީ އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސްދީފައެވެ.
އިއްޔެ ކުރިޔަށްދިޔަ އިންސްޕެކްޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު އަދި ޑެޕިއުޓީ ކޮންޓްރޯލަރ އަހުމަދު އަޝްފާން ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. އަދި މި ހަރަކާތާއި ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ ހުޅުމާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަމުންދާ ބިދޭސީން ދެނެގަނެ، އެމީހުނަށް ފިޔަވަޅު އަޅައި، ވަޒީފާ ދޭ ފަރާތް ޒިންމާދާރު ކުރުވުމަކީ މި އިންސްޕެކްޝަނުގެ މައިގަނޑު އެއް މަޤްސަދުކަމަށާއި، މި އިންސްޕެކްޝަނުން ހޯދޭ މަޢުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު ހުޅުމާލޭގެ ހާލަތު ދެނެގަނެވިގެންދާނެ ކަމަށެވެ.
ކޮމެންޓް