އައު ބާވަތްތަކުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓަރުން ހޯދަމުންދާކަން، ރައީސް ޑރ. މުޢިއްޒު އިޢުލާން ކުރައްވައިފި

ރައީސް ޑރ. މުޢިއްޒު

ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު، 53 މެގަވޮޓުން 68 މެގަވޮޓަށް އިތުރުކޮށްފައިވާކަން ފާހަގަކުރެއްވި

ދިވެހިރާއްޖޭގައި ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަށާއި، އައު ބާވަތްތަކުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓަރުން ހޯދަމުންދާކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވައިފިއެވެ.

އިޢުލާން ކުރެއްވީ، އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި، އިއާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓުކުރުމަކީ، ފައިދާ ކުރަނިވި ވިޔަފާރީގެ ފުރުޞަތަކަށް ވާނޭކަންވެސް ފާހަގަކުރައްވާފައެވެ.

ކޮޕް28 އިން ފެށިގެން މިހާތަނަށް ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު، 53 މެގަވޮޓުން 68 މެގަވޮޓަށް އިތުރުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ އެމިޝަންސްއަށް ވާޞިލުވުމަށް އެކުލަވާލާފައިވާ ރޭވުންތަކުގެ ތަފްސީލުވެސް މި ބައްދަލުވުމުގެ ބައިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްސާކުރެއްވިއެވެ. މީގެ ތެރޭގައި އިރުގެ އައްޔާއި ވައި އަދި އެނޫންވެސް އިއާދަކުރަނިވި ވަޞީލަތްތަކުން ހަކަތަ އުފެއްދުމަށް އިންވެސްޓްކުރުމާއެކު، އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ނިޒާމުތައް އިތުރުކޮށް، ހަކަތައިގެ ގޮތުގައި ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު މަދުކުރުމަށް ޤަސްދުކުރައްވާފައިވާ ގޮތްވެސް ޙިއްސާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަމާޒުތަކަށް ވާޞިލުވުމަށްޓަކައި، ކުނިން ހަކަތަ އުފައްދާ ނިޒާމެއް އައްޑޫ ސިޓީގައި ޤާއިމްކުރައްފައިވާ ކަމަށާއި 13 މެގަވޮޓުގެ އިތުރު ނިޒާމެއް ތިލަފުށީގައި ތަރައްޤީކުރައްވަމުން ގެންދަވާކަމަށެވެ. އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ދަތުރުފަތުރުގެ ނިޒާމުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމާ ގުޅޭ މާލީ އެހީ އަތްފޯރާފަށަށް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލްގައި ވާފަދައިން، އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ގޮތްތައް ހިމެނުމަށްވެސް ގޮވާލެއްވިއެވެ. މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށާއި، އެ ބަދަލުތަކަށް ހޭނުމަށާއި، އަދި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް މާލީ އެހީތެރިކަން ލިބޭނެ ގޮތްތައް ހިމަނަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހުރިހާ މަސައްކަތެއްވެސް 1.5 ޑިގްރީގެ އަމާޒަށް ވާސިލުވާނޭ ފަދައިން ބައްޓަންކުރަންވާނެ ކަމަށް ވިދާޅުވިއެވެ.

އިއާދަކުރަނިވި ވަޞީލަތްތަކުން ހަކަތަ އުފެއްދުމަކީ، މޫސުމީ ވިލުންތެރިކަން އިތުރުކޮށް، އިޤްތިޞާދު ހަރުދަނާކޮށް، ވިލުންތެރި މުޖުތަމަޢަކަށް މަގުފަހިކޮށްދޭނޭ ކަމެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއިން މިކުރާ މަސައްކަތްތަކުން ހިތްވަރުލިބިގެން، އިތުރު ޤައުމުތަކުންވެސް އިއާދަކުރަނިވި ވަޞީލަތްތަކުން ހަކަތަ އުފެއްދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.