ރައީސް ޑރ. މުޢިއްޒު ފަލަސްޠީނުގެ ރައީސް އާއި ބައްދަލުކުރައްވައި

ރައީސް ޑރ. މުޢިއްޒު އާއި ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާޞް

ހަނގުރާމަ ހުއްޓާލުމަށް ގޮވާލަނީ އަޅުގަނޑުމެންނަކީ ވެސް އިންސާނުންނަށް ވީތީކަމަށް ވިދާޅުވެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލަނީ އަޅުގަނޑުމެންނަކީ ވެސް އިންސާނުންނަށް ވީތީކަމަށް ވިދާޅުވެ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ވެސް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެވެން އޮތް ހުރިހާ ގޮތަކުން ދިވެހިރާއްޖެއިން ފަލަސްޠީނަށް އެއްބާރުލުން ދެއްވަމުން ގެންދަވާނެކަން ތަކުރާރު ކުރައްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ކަށަވަރު ވެގެންދިއުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެ، ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައެވެ.

ފަލަސްޠީނުގެ ރައީސް، މަޙްމޫދު ޢައްބާޞް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދީ ކުރައްވާ ތާއީދު ދެނެވަޑައިގަންނަވާކަމުގައި ވިދާޅުވެ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާ ފަލަސްޠީނުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރެއްވުމާއި ދެޤައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.