ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފެށޭނެ: ޑރ. އަބްދުﷲ ޚަލީލް

ޑރ. އަބްދުﷲ ޚަލީލް

ޒަމާނީ ޓެކްނޮލޮޖީއާއެކު ފޯރުކޯށްދިނުމުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ ޓެކްނޮލޮޖީތަކާއެކު އޮޕަރޭޝަން ތިއޭޓަރުތަކެއް ތަރައްގީ ކުރެވިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވި

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފެށޭނެ ކަމަށް ހެލްތް މިނިސްޓަރ ޑރ. އަބުދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ގދ ގެ ޞިއްޙީ ޚިދުމަތަށް 55 އަހަރު ފުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ތިނަދޫ ސިޓީގެ ރައްޔިތުން ބޭނުންވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ކަމަށެވެ. އެ އެމަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ޓަރޝަރީ ހޮސްޕިޓަލް އަޅާނީ މިހާރު ހޮސްޕިޓަލް ހުރި ބިމުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއާއި އެކު އަލަށް އަޅާ އިމާރާތުގައި އީއާރުގެ ޚިދުމަތްވެސް މިހާރަށްވުރެ ރަނގަޅު ފެންވަރުގައި، ޒަމާނީ ޓެކްނޮލޮޖީއާއެކު ފޯރުކޯށްދިނުމުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ ޓެކްނޮލޮޖީތަކާއެކު އޮޕަރޭޝަން ތިއޭޓަރުތަކެއް ތަރައްގީ ކުރެވިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ތިނަދޫގައި ސިއްޙީ ދާއިރާ ފުޅާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން އެ ސިޓީގައި ވެލްނެސް ސެންޓަރެއް ހިމެނޭހެން އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރެއް ތަރައްގީ ކުރެވިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވީހާވެސް އަވަހަށް އެމްއާރުއައިގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އަންނަ އަހަރު ތެރޭގައި އެ ޚިދުމަތްވެސް ފެށޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގދ ގެ ޞިއްޙީ ޚިދުމަތަށް 55 އަހަރު ފުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ހޮސްޕިޓަލަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ލިޔުންވެސް ދެއްވާފައެވެ. އަދި އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދެވުނު އެކި މުބާރާތްތަކުގެ ވަނަތަކަށް އައި ފަރާތްތަކަށްވެސް ވަނީ އިނާމް ދެއްވާފައެވެ.

މިނިސްޓަރ ތިނަދޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރާއި ބްލަޑް ބޭންކުވެސް ވަނީ ހުޅުއްވައިދެއްވާފައެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.