ޖެނުއަރީން ފެށިގެން މެމްބަރުކަމުގެ މުސާރަ ނުނަގަން: ރައީސް ނަޝީދު

ޖެނުއަރީން ފެށިގެން މެމްބަރުކަމުގެ މުސާރަ ނުނަގަން: ނަޝީދު

ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވީތީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރަ ޖެނުއަރީ މަހުން ފެށިގެން ނަންގަވަމުން ނުގެންދަވާ ކަމަށް މަޖިލިހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީ ލަންކާގެ "ދަ މޯނިން" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަން ފެއްޓެވީ މިދިޔަ ފެބްރުއަރީ މަހުގައި ކަމަށެވެ. ނަޝީދު ވަނީ އެ މަގާމު އަދާކުރެއްވުމަށް ޖެނުއަރީ މަހު ގާނާ އަށް ދިރިއުޅުއްވަން ބަދަލު ކުރައްވައިފައެވެ.

"ސީވިއެފްގައި އަޅުގަނޑު މަސައްކަތް ކުރަން ފެށީ ފެބްރުއަރީ މަހު. އަޅުގަނޑު މެމްބަރުކަމުގެ މުސާރަ ނެންގެވުން ހުއްޓާލާއިފިން ޖެނުއަރީ މަހު." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެގޮތަށް ވިދާޅުވި ކަމުގައި ވިޔަސް، ރައްޔިތުންގެ މަޖިލިހަށް ދާދި ފަހުން އެމަނިކުފާނު ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައި ވަނީ މިދިޔަ މަހާއި މި މަހުގެ މުާރަ އުނިކޮށް ދެއްވުމަށެވެ.

ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ގުޅޭ ކަންކަން ކުރެއްވުމުގައި ވަރަށް ގިނަ ވަގުތު ނަގާ ކަމަށެވެ. އަދި އެ މަގާމާ ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ގިނަ ކަންކަން ހަމަޖައްސަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަވާރަ ވަނަ މަޖިލިހުގެ ފުރަތަމަ ރައީސް ކަން ނަޝީދު ކުރެއްވި އިރު، މި ދައުރު މި މަހު ހަމަވާނެއެވެ.

ނަޝީދަށް މިހާރު ވެސް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިގަންނަވައެވެ. އެގޮތުން، ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 172،000ރ. ލިބިވަޑައިގަންނަވައެވެ. އަދި މަޖިލިހުގެ ރައީސްގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 73،000ރ. އާއެކު، ނަޝީދަށް މަހަކު 245،000ރ. ލިބިވަޑައިގެންނެވިއެވެ.

ނަމަވެސް، މަޖިލީހުގެ ރައީސަކަށް ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ވަނީ ކުރީގެ ރައީސުންގެ މާލީ އިނާޔާތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 75،000ރ. އަދި ދިރިއުޅުއްވާ ތަނުގެ ހަރަދު ހަމަޖެއްސުމަށް 10،000ރ. ގެ އިނާޔަތް އުނި ކުރައްވައިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.