ޖައިޝަންކަރު ފުރާވަޑައިގަންނަވަނީ
މި ދަތުރުފުޅުގައި ވަނީ އެކި މަޝްރޫއުތަށް އިފްތިތާޙް ކޮށްދެއްވާފަ
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަަށް މިދިޔަ ހުކުރު ދުވަހު ފެއްޓެވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު އެނބުރި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ޖައިޝަންކަރުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް އިންޑިއާއަށް އެނބުރި ވަޑައިގެންނެވީ އައްޑޫ ސިޓީގެ ގަން އެއާޕޯޓުންނެވެ.
ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި މި ރަސްމީ ދަތުރުފުޅަކީ ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
އައްޑުއަށް ވަޑައިގެން އޭނާވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދިޔަ އައްޑޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމައި، ރަސްމީކޮށް ސަރުކާރާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާގެ 28 މަޝްރޫއެއް ނިންމައި އެކަން ވެސް ވަނީ މި ދަތުރުފުޅުގައި އިފްތިތާހުކޮށްފައެވެ.
ކޮމެންޓް