ވަޒީރު ޑރ. ޝަހީމް
ދެކުނު އެފްރިކާއިން ހުށައެޅުއްވި މައްސަލައަށް އެންމެ ފުރަތަމަ ތަދައްޚުލުވި ޤައުމަކަށް ރާއްޖެ ވެގެންދިއުމުންވެސް މިކަން ސާބިތުވާކަމަށް ވިދާޅުވި
ފަލަސްޠީނުގެ މައްސަލައިގައި ފާއިތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ހައިސިއްޔަތުން އެ މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރައްވާކަމަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފަލަސްޠީނުގެ މައްސަލައާއި ގުޅޭ ގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ބައިނަލްއަޤުވާމީ އެކިއެކި މެޙެފިލްތަކާއި ބައްދަލުވުންތަކުގައި ރައީސް އަމިއްލަފުޅަށް އަދި ކެބިނެޓުގެ މެމްބަރުން އަޑުއުފުއްލަވަމުން ގެންދަވާކަމަށާއި، ދެކުނު އެފްރިކާއިން ހުށައެޅުއްވި މައްސަލައަށް އެންމެ ފުރަތަމަ ތަދައްޚުލުވި ޤައުމަކަށް ރާއްޖެ ވެގެންދިއުމުންވެސް މިކަން ސާބިތުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ފަލަސްޠީނުގެ ކަންތައްތަަކަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އަސާސީ އެއްކަން ކަމަށާއި، ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ފަލަސްޠީނުގެ ޙައްޤުގައި އަޑުހަރުކޮށް ވަކާލާތުކުރައްވަމުން ގެންދަވާކަމީ އިސްލާމީ ދާއިރާގައި އުޅުއްވާ ބޭފުޅުންނާއި ދިވެހި ރައްޔިތުންވެސް އުފާކުރައްވާކަމެއް ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ޣައްޒާގެ ރައްޔިތުންނަށް ޒަކާތު ފަންޑުން ހަދިޔާ ކުރުމަށް ނިންމާފައިވާ 100،00 ޑޮލަރު ފޮނުވުމުގެ މަސައްކަތް ކުރިއަަށް ގޮސްފައިވާ ހިސާބުވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ވަޒީރު ވިދާޅުވީ، މިކަމަށްޓަކައި ޤަަތަރުގެ ރެޑް ކްރެސެންޓާއެކު މިހާރު އެއްބަސްވުމަކާއި ހަމައަށް އާދެވިފައިވާކަމަށާއި، އެ ފައިސާ ފޮނުވުމުގެ މަގު މިހާރު ފަހިވެފައިވާކަމަށެވެ. އަދި ވަރަށް ކައިރި މުސްތަޤުބަލެއްގައި އެ ފައިސާ ފޮނުވުމުގެ ކަންކަން ކުރިއަށްދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓް