ޗައިނާއާއި ރާއްޖޭގެ ފައިސާއިން ވިޔަފާރީގެ މުއާމަލާތް ކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއި ކުރުމަށް ތައްޔާރުވަނީ

ދެޤައުމުން ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމަށް އޮނިގަނޑެއް އެކުލަވާލެވިގެންދާނެ

ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން ޔުއާނުން ގަންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކުމާ ގުޅޭ އެއްބަސްވުމެއް ޤާއިމްކުރުމަށް މިއަދު ރާއްޖެއާ ޗައިނާއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކު ކަމަށްވާ ޕީޕަލްސް ބޭންކް، ޕީބީއޯސީ އާއި ދެމެދު ޤާއިމްކެވުނު އެއްބަސްވުމުގެ ދަށުން ދެޤައުމުން ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމަށް އޮނިގަނޑެއް އެކުލަވާލެވިގެންދާނެއެވެ. މީގެ ސަބަބުން، ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިޔައެވެ. އަދި އެ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީޖިންޕިންގ އާއެކު ބޭއްވުވި މަޝްވަރާތަކުގައި ދިވެހިރާއްޖެއާއި ޗައިނާ އާ ދެމެދު އިސްތިރާޖީ އެއްބާރުލުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ އެއްބާރުލުން އިތުރަށް ފުޅާކުރުމަށް މަޝްވަރާކުރެވި އެއްބަސްވެވުނެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން، ދެ ޤައުމުގެ ފައިސާއިން މުޢާމަލާތްތައް ކުރުމަށް ފަސޭހަވެ ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓްކުރުމަށް ފަސޭހަވެ،އަދި ދެ ޤައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެއެވެ. މިއީ ރައީސް ޑރ. މުޢިއްޒުގެ ވިޝަނަރީ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.

މިހާރު، ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުޢާމަލާތު ކުރެވެއެވެ. އަދި ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.

މި އެއްބަސްވުމައަކީ ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުން ވަރުގަދަކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.