ވަޒީރު ޢަބްދުﷲ ރާފިޢު
ރާއްޖޭގައި މިވަގުތު ތިބި ޒުވާން އެތުލީޓުންނަށް ބަލާއިރު އޭޝިއަން ގޭމްސް އަށް ކޮލިފައިވެވޭނެ ފެންވަރުގެ އެތުލީތުން އެބަތިބިކަމަށާއި، އެކަން ހާސިލްކުރުމަށް ހިތްވަރާއިއެކު މަސަކްތަކުރާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވި
ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޤައުމީ ޖޫނިއާ އެތުލެޓިކްސް ޓީމާ، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފި އެވެ.
ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އޮންނާނީ މި މަހުގެ 11 އިން 13 އަށް އިންޑިއާގެ ޗެންނާއީގަ އެވެ. މި މުބާރާތުގައި ސާކްގެ ހަތަރު ގައުމަކުން 276 އެތުލީޓުން ވާދަކުރާނެ އެވެ.
އެތުލީޓުންނާ ބައްދަލުކުރައްވާ ވަޒީރު ވަނީ ޒުވާން އެތުލީޓުންނަށް ހިތްވަރު ދެއްވައި، ހުރިހާ އެތުލީޓުންވެސް ކުޅިވަރުގެ ރިވެތި އަޙުލާޤާއިއެކު ކުރިއަށްދިޔުމަށް އެދިލައްވާފަ އެވެ.
ވަޒީރު ރާފިޢު ވިދާޅުވީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްއިން އެތުލެޓިކްސް އިން މެޑަލް ހޯދާފައިވާތީ މިހާރު އަމާޒު ހިފަންވީ އޭޝިއަން ގޭމްސްއަށް ކަަމަށެވެ.
މިދިޔަ 20އަކަށް އަހަރަށް ބަލާއިރު އެތުލެޓިކްސް އިން ބޮޑު ކުރިއެރުމެއް ހޯދައިފިކަމަށާއި، ނަތީޖާތަކާއި ހޯދާފައިވާ މެޑަލްތަކުން އެކަން ފެންނަން އެބަހުރިކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބި ޒުވާން އެތުލީޓުންނަށް ބަލާއިރު އޭޝިއަން ގޭމްސް އަށް ކޮލިފައިވެވޭނެ ފެންވަރުގެ އެތުލީތުން އެބަތިބިކަމަށާއި، އެކަން ހާސިލްކުރުމަށް ހިތްވަރާއިއެކު މަސަކްތަކުރާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕަކީ އެތުލެޓިކްސްގެ ތާރީޚުގެ ފުރަތަމަ މެޑަލް ހޯދި މުބާރާތެވެ. މިގޮތުން 2007ވަނަ އަހަރު ސްރީލަންކާގައި އޮތް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން ދިވެހިރާއްޖޭގެ އަންހެން އަދި ފިރިހެން ރިލޭ ޓީމުން ހަތަރު ލޯ މެޑަލް ހޯދި އެވެ.
ކޮމެންޓް