ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް
މިއީ ދިވެހިރާއްޖޭގެ އެތުލެޓިކްސްގެ ކާމިޔާބީގެ ފެށުންގެ ގޮތުގައި ކޮމިޝަނަރ ވަނީ މި މުބާރާތް ސިފަކުރައްވާފަ
ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕަކީ ރާއްޖޭގެ އެތުލެޓިކްސްގެ ކުރިއެރުމަށް މުހިންމު މުބާރާތެއްކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ޗެންނާއީގައި އަންނަ އަންގާރަ ދުވަހު ފަށާ ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގައި ސާކް ސަރަހައްދުގެ ހަތް ގައުމުން 176 އެތުލީޓުން ވާދަކުރާނެ އެވެ.
މި މުބާރާތުގައި ވާދަކުރާ ދިވެހިރާއްޖޭގެ ޖޫނިއާ ޓީމާ ބައްދަލުކުރައްވާ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް ވަނީ މި މުބާރާތުގެ ތާރީޙުގައި ދިވެހިރާއްޖެއިން ހޯދި ކުރިއެރުން ފާހަގަކުރައްވާފަ އެވެ. އަދި މިއީ ދިވެހިރާއްޖޭގެ އެތުލެޓިކްސްގެ ކާމިޔާބީގެ ފެށުންގެ ގޮތުގައި ކޮމިޝަނަރ ވަނީ މި މުބާރާތް ސިފަކުރައްވާފަ އެވެ.
އެތުލެޓިކްސްގެ ސީނިއާ ފުރަތަމަ މެޑަލް އަކީ 2014 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ހޯދި ބްރޯންޒް މެޑަލް އެވެ. ނަމަވެސް އޭގެ ކުރިން ޖޫނިއާ ޓީމުން ވަނީ 2007 ވަނަ އަހަރު ސްރީލަންކާގައި އޮތް ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގައި ހަތަރު ލޯ މެޑަލް ހޯދާފަ އެވެ.
ކޮމިޝަނަރ ތޮލާލް ވިދާޅުވީ އެ މުބާރާތާއިއެކު ދިވެހިރާއްޖޭގެ އެތުލެޓިކްސް އަށް ބޮޑު ހިތްވަރަކާއި އިތުބާރެއް ލިބުނު ކަމަށާއި، ޒުވާން އެތުލީޓުންގެ ކުރިއެރުމަށް ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕަކީ މުހިންމު މުބާރާތެއްކަމަށެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގައިވެސް ދިވެހިރާއްޖޭގެ ފިރިހެން ރިލޭ ޓީމުން ބްރޯންޒް މެޑަލް ހޯދި އެވެ. އެ ފަހަރު ޓީމްގައި ހިމެނުނު އެތުލީޓުންގެ ތެރޭގައި މިވަގުތު ގައުމީ ސްކޮޑުގައި ހިމެނޭ ދެ ދުވުންތެރިންކަމަށްވާ ނާހިލް ނިޒާރު އާއި އިބާދުﷲ އާދަމް ހިމެނެ އެވެ. މީގެ ތެރެއިން އިބާދުﷲ ވަނީ މި އަހަރުގެ އޮލިމްޕިކްސްގައިވެސް ވާދަކޮށްފަ އެވެ.
ކޮމިޝަނަރ ތޮލާލް ވިދާޅުވީ މިއަހަރުގެ ޓީމަކީ އެހެން އަހަރުތަކާ އަޅާ ބަލާއިރު ހުރިހާ ގޮތަކުންވެސް ވަރުގަދަ އަދި ހުނަރުވެރި ޓީމެއްކަމަށާއި، މި ފަހަރުވެސް ރަނގަޅު ނަތީޖާތަކެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
ކޮމެންޓް