ޤަވާއިދާ ޚިލާފަށް ކުޅުދުއްފުއްޓަށް ދަތުރުކުރި 9 ބިދޭސީންނަށް ނޯޓިސްދީފި

އިމިގްރޭޝަންގެ އޮފިސަރުންތަކެއް

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދޭ

ގަވާއިދާ ޚިލާފަށް ކުޅުދުއްފުއްޓަށް ދަތުރުކުރި 9 ބިދޭސީންނަށް ނޯޓިސްދީ, ބިދޭސީން ދަތުރުކުރި ބޯޓުގެ ކެޕްޓަނަށް ލިޔުމުން މޯލްޑިވްސް އިމިގްރޭޝަނުން ނަސޭހަތްތެރިވެއްޖެއެވެ.

ޤަވާއިދާ ހިލާފަށް މާލޭގައި އުޅެމުންދާ ބިދޭސީން ހޯދައި، އެ މީހުން ޑީޕޯޓްކުރަން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އޮޕަރޭޝަން ފެށުމުން ބިދޭސީން ފިލަން އަތޮޅު ތެރެއަށްދާ މައްސަލަ ވަނީ ބޮޑުވެފައެވެ.

އިމިގްރޭޝަނުން މައުލޫމާތުދޭ ގޮތުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދިއުމާ ގުޅިގެން، ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއްގައި ތިބި ބިދޭސީން ވަނީ ބަލައި ފާސްކޮށްފައެވެ.

މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް، ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެން ކަމަށާއި އެގޮތުުން، މި ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ޤަވާއިދާ ޚިލާފަށް ތިބި 09 މީހުނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި ބޯޓުގެ ކެޕްޓަނަށް ވަނީ ލިޔުމުން ނަސޭހަތްދީފައި ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އަދި އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ޤާނޫނުގެ ދަށުން މިފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

211 އިމިގްރޭޝަން އޮފިސަރުންނާއެކު ވެރިރަށް މާލޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފެށީ މިދިޔަ މަހުގެ 28ވަނަ ދުވަހުއެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިއަހަރުގެ ޖުލައި މަހުގައެވެ. މިއާއެކު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.

އެ އޮޕަރޭޝަންތަކުގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާތަންތަނާއި ރަށްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ގޮތަށް ކާބޯތަކެތި އުފައްދާތަންތަން ރެއިޑްކޮށް ޤަވާޢިދާ ޚިލާފަށް އުޅޭ ގިނަ ބިދޭސީންތައް ދެނެގަނެ އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސް އެމީހުން ޑީޕޯޓްކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.