އިސްލާމީ މަރުކަޒުގައި ނަމާދުކުރަނީ
އަހަރެމެންގެ ވާޖިބަކީ މި ދީނަށް ޚިދުމަތްކުރުން ކަމަށް ޚުޠުބާގައި ބުނި
އަހަރެމެންގެ ކިބައިގައި ހުރި ފަރުވާކުޑަ ކަމާއި ކުރެވޭ ކުށްތަކަކީ އިސްލާމްދީނަށް ހިދުމަތް ކުރުމަށް ހުރި އުޒުރެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ދީނަށްޓަކައި ހިދުމަތް ކުރުމުގެ މައްޗަށް އަލިއަޅުވާލައި މިއަދުގެ ހުތުބާގައި ބުނީ އިންސާނުން ދުނިޔޭގައި އުޅެނީ ވަރަށް މުހިންމު މަގުސަދަކަށް ޓަކައި ކަމަށެވެ. އެއީ ހަމައެކަނި ﷲ އަށް އަޅުކަން ކުރުމަށް ކަމަށެވެ. މި ދުނިޔޭގައި ދިރިއުޅުމުގެ ބޭނުމަކީ އެއީ ކަމަށެވެ. މިއީ ދީނެއްގެ ގޮތުގައި ﷲ ރުހިވޮޑިގެންފައިވާ ހަމައެކަނި ދީން ކަމަށާއި މި ދީނާ ހަމައިން ދެ ދުނިޔޭގެ ނިއުމަތް ފުރިހަމަކުރައްވާފައިވާ ކަމަށެވެ.
ހަމަ އެހެންމެ ﷲއަށް ކިޔަމަންގަތުމުގައި، އަހުރެމެންގެ ކިބައިގައި ހުރި ފަރުވާކުޑަކަމާއި، ކުރެވޭ ކުށްތަކަކީ ދީނަށް ޚިދުމަތްކުރުމަށް ހުރި އުޒުރެއް އަދި ބަހަނާއެއް ވެސް ނޫން ކަމަށާއި އަދި އަހަރެމެންގެ ވާޖިބަކީ މި ދީނަށް ޚިދުމަތްކުރުން ކަމަށް ޚުޠުބާގައި ބުންޏެވެ.
"ކުށުގެ ވެއްޓަށް ވަދެވި، އެއިން ސަލާމަތްނުވެވިފައިވާ އަހުންނޭވެ! ތިޔަބައިމީހުންގެ ހަވާނަފުސުގައި ލަގަން އަޅުވާށެވެ! ފާފަތަކަށް އަރައިގަތުމާ މެދު ހިތްތަކުގައި ބިރުވެރިކަން އުފައްދާށެވެ! ދުނިޔޭގެ ހަޔާތަކީ ކުޑަ ދުވަސްކޮޅެކެވެ. ތިޔަބައިމީހުން ހޭވެރިވާށެވެ! ގާފިލުކަމުގެ ނިދީގައި ތިބެވުނީ، ކިތައް އަހަރުކަން ހަނދާނަށް ގެންނާށެވެ! ހަވާނަފުސު ކޮންޓުރޯލުކޮށް، އޭގެ މައްޗަށް ބާރު ފޯރުވައިފި މީހަކީ ހިތްވަރުގަދަ ފަހުލަވާނެއް" ހުތުބާގައި ބުންޏެވެ.
ދީނަށް ޓަކައި އަހަރެމެން އަދާކުރަން ޖެހޭ ކަންކަމުގެ މައްޗަށް ވަރަށް ފުރިހަމަ ގޮތެއްގައި މިއަދުގެ ހުކުރު ހުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. އަދި އެގޮތްތަކުގެ މައްޗަށް އަމަލު ކުރުމަށް ވަނީ ގޮވާލާފައެވެ.
ކޮމެންޓް