ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، މިނިސްޓްރީ އޮފް ހެލްތުގެ މެންޑޭޓުގެ ތެރެއިން ހިންގަވާގޮތަށް ހަމަޖައްސައިފި

ޑރ. އައިޝަތު ޝިހާމް

ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ބަޖެޓާއި، މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވެ ތިއްބެވި މުވައްޒަފުން މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުކުރެއްވުމަށް ވަނީ ނިންމާފަ

ނަފްސާނީ ނުކުޅެދުންތެރިކަމުގެ ސަބަބުން މުޖުތަމަޢު ތެރޭގައި ގެންގުޅުން ރައްކާތެރިކަމަށް ނުފެންނަ ފަރާތްތަކާއި، ޢާއިލާއާއި މުޖުތަމަޢުން އަޅާލުން ނުލިބި، ބެލެނިވެރި އަދި ބަލަދުވެރި ފަރާތެއް ނެތި ބެލެހެއްޓުމުގެ ޒިންމާއިން ހަވާސާވެފައިވާ ފަރާތްތަކަށް ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ދަށުން ހިންގަވަމުން ގެންދަވާ، 'ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު'، މިނިސްޓްރީ އޮފް ހެލްތުގެ މެންޑޭޓުގެ ތެރެއިން ހިންގަވާގޮތަށް ހަމަޖެއްސައިފިއެވެ.

މިގޮތަށް ހަމަޖައްސަވާއިރު، މި މަރުކަޒު ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ބަޖެޓާއި، މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވެ ތިއްބެވި މުވައްޒަފުން މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުކުރެއްވުމަށް ވަނީ ނިންމާފައެވެ.

ގުރައިދޫގައި ޤާއިމްކުރެވިފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިވަގުތު 219 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 31 މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ.

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ދެމުން ގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު، އެތަނުން ފަރުވާ ފުރިހަމަ ކުރާ ފަރާތްތައް އަނބުރާ އާއިލާތަކާއި ހަވާލުކޮށް، މުޖުތަމައުގައި އުޅެވޭނެ މަގުފަހިކުރުމަށް ފާއިތުވި 9 މަސް ދުވަހު މުހިންމު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.

އެގޮތުން ފަރުވާގެ ނިޒާމަށް ގެނެވެނު ބަދަލުތަކާއި، ތަނުގެ އިންފްރާސްޓްރަކްޗާއަށް ގެނެވުނު ބަދަލުތަކާއެކު، އެ މަރުކަޒުން ފަރުވާ ފުރިހަމަކުރި 19 ފަރާތެއް ވަނީ އަނބުރާ އާއިލާއާއި ހަވާލުކުރެވިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.