އައްބާސް މަޖިލީހުގެ ތަޅުމުގައި
މުޅި ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާ ބިމުން ވަކި ބަޔަކަށް ހިލޭ ބިން ދިނުން ގަބޫލުނުކުރައްވާ ކަމަށް
ބިންވެރިޔާ ސްކީމްގެ ދަށުން ކަނޑުންނާއި ފަޅުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުމުގެ ބަދަލުގައި އެ ގޯތިތައް އަތުލުމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް މިއަދު ގޮވައިލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ އާބަން ޑިވެލޮޕްމަންޓްގެ ބިލްގެ ބަހުސްގައި މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ މުޅި ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާ ބިމުން ވަކި ބަޔަކަށް ހިލޭ ބިން ދިނުން ގަބޫލުނުކުރައްވާ ކަމަށެވެ.
"ހަތަރުކަށި މަތި މާލެ މީހެއް ވެއްޖެއްޔާ މާލެ އަތޮޅުން ހިއްކާ ފަޅުންވެސް އެ މީހާއަށް ހިލޭތޯ ބިން ދޭންވަނީ" އައްބާސް ވިދާޅުވިއެވެ.
އައްބާސް ވަނީ ވެލިދޫގެ ބިން ފުރުމުން އެ ރަށުގެ ފަޅު ތެރެއިން ގޯތި ނުދެވޭ ކަމަށް ވިދާޅުވެފައެވެ . ވެލިދޫގެ ރައްޔިތުން ގެވަޅު ނަގަން ޖެހެނީ ކައިރި ރަށްރަށުން ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ގޯތިތަކުގެ މައްސަލައިގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ޖަލްސާގައި ވެސް އައްބާސް ވަނީ ނުރުހުން ފާޅުކުރައްވާ ވާހަކަދައްކަވާފައެވެ. އެގޮތުން، އެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން "ބޭރުކުރަން" ވެސް އޭނާ ގޮވާލެއްވިއެވެ.
ކޮމެންޓް