އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ
އިސްލާމީ އުންމަތުގެ އެންމެ މުހިންމު ޤަޟިއްޔާއަށް ނުވާންވީ ކީއްވެގެންހެއްޔެވެ? މި ސުވާލު އުފެއްދި
ފަލަސްޠީނުގެ މައްސަލައަކީ ހުރިހާ މުސްލިމުންގެ ޤަޟިއްޔާއެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
ފަލަސްޠީނާއި މުސްލިމުންގެ ނަމުގައި މިއަދު ދެއްވި ހުތުބާގައި ވިދާޅުވީ މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ އެ ބިން މިނިވަންކުރުމަށް ޓަކައި އެންމެހައި މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށް ވާން ޖެހޭނެކަމަށެވެ. އަދި އެ މީހުންގެ ކެކުޅުންތަކާއި ގިސްލުންތަކާއި ރުއިންތަކަށް އިޖާބަދޭން ޖެހޭނެކަމަށެވެ.
ހުތުބާގައި ވިދާޅުވީ މާތް ﷲއަށް އަޅުކަން ކުރުމަށް މި ބިންމަތީގައި އެންމެ ފުރަތަމަ ބިނާކުރެވުނީ މައްކާގައިވާ އަލްމަސްޖިދުލްޙަރާމް ކަމަށެވެ. އަދި އެއަށް ފަހު ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލްއަޤްޞާ ކަމަށް ފާހަގަކުރިއެވެ. މީގެއިތުރުން އަލްމަސްޖިދުލްޙަރާމު ބިނާކުރުމާ އަލްމަސްޖިދުލްއަޤްޞާ ބިނާކުރުމާ ދެމެދުގައި ފާއިތުވެފައި ވަނީ ސާޅީސް އަހަރުކަން ވެސް ބުންޏެވެ.
"މި ބަރަކާތްތެރި މުޤައްދަސް ބިމުގެ މައްސަލަ އިސްލާމީ އުންމަތުގެ އެންމެ މުހިންމު ޤަޟިއްޔާއަށް ނުވާންވީ ކީއްވެގެންހެއްޔެވެ؟" ހުތުބާގައި ސުވާލު އުފެއްދިއެވެ.
ފަލަސްޠީނުގެ ޣައްޒާގައި ޒަޔަނިސްޓުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ޢަމަލުތަކަކީ މި ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައިނުވާ ފަދަ އަނިޔާވެރިކަމެކެވެ. މަތިން އަޅަމުންދާ ބޮންތަކުންނާއި ތިރިން ދޭ ޙަމަލާތަކުން ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ޝަހީދުވަމުންދެއެވެ. މި ހަފުތާއާ ހަމައަށް ސާޅީސް ހާހަށްވުރެ ގިނަ މުސްލިމުން ޣައްޒާގައި ޝަހީދުކޮށްލައިފައިވާއިރު، މިއަދު އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާކަމަށް ދައުވާކުރާ އެންމެން ވަނީ އެ އަނިޔާވެރިކަމުގެ ކުރިމަތީގައި ހަނު ތިބޭ ބަޔަކަށް ވެފައެވެ.
ކޮމެންޓް