ރާއްޖެއައި ނެދަރލޭންޑްސް މީހާ އެތެރެކުރި މަސްތުވާތަކެތި
އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 6.070 ކިލޯ ހުރި
ވައިގެ މަގުން ރާއްޖެއައި ނެދަލޭންޑްސްގެ މީހެއްގެ އަތުން ނުވަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ މިތަކެތި އަތުލައިގެންފައިވަނީ މިދިޔަ އާދިއްތަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެއައި ނެދަލޭންޑްސްގެ 30 އަހަރުގެ ފިރިހެނެއްގެ އަތުން ކަމަށެވެ. އަދި އޭނާ އާއި މެދު ޝައްކުކުރެވިގެން ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލުކޮށްފައި ވާކަމަށެވެ. އަދި އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެތިނޯންއަށް ޕޮޒިޓިވްވެފައި ވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 6.070 ކިލޯ ހުރި ކަމަށެވެ. އަދި އެތަކެތީގެ މަގުމަތީ އަގު 9.01 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކޮކުރެއެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެއްޗާއެކު ނެދަލޭންޑްސް މީހާ ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ހޯމް މިނިސްޓްރީން ވަނީ ބިލެއް ޑްރާފްޓްކޮށްފައެވެ. އެ ބިލުގައި ވާގޮތުން ރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅައިފައެވެ.
ކޮމެންޓް