ވަޒީރު ޠާރިޤު
ފެނާއި ނަރުދަމާ ދާއިރާ ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ފަންނީ ތަޖްރިބާ ދެ ޤައުމު ދެމެދުގައި ބަދަލުކުރުމާއި، މި ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން ހިމެނޭ
ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާ ދާއިރާ ތަރައްޤީކުރުމަށްޓަކައި ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަމެންޓް އެންޑް އެނާރޖީން މައުލޫމާތު ދޭ ގޮތުގައި ފަހުމުނާމާއަކީ ފެނާއި ނަރުދަމާ ދާއިރާ ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ފަންނީ ތަޖްރިބާ ދެ ޤައުމު ދެމެދުގައި ބަދަލުކުރުމާއި، މި ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމާއި އަދި ދާއިރާއާ ގުޅޭ ބައިނަލް އަޤްވާމީ ކޮންފަރަންސްތަކުގައި ދެޤައުމުން ގުޅިގެން ބައިވެރިވެ ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށްޓަކައި އެކުލަވާލާފައިވާ ފަހުމުނާމާއެކެވެ.
މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އޮނަރަބަލް ޠާރިޤު އިބްރާހީމެވެ. ތުރުކީ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިސްތަންބޫލް ވޯޓަރ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ.
މި ފަހުމުނާމާގެ ސަބަބުން ފެނާއި ނަރުދަމާ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި ދެ ޤައުމު ދެމެދުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ޤަބޫލުކުރެވޭ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ކޮމެންޓް