ޕީއެންސީން ރައްޔިތުންގެ ހައްގުތައް ކަށަވަރު ނުކޮށްދޭނެކަން ވަރަށް ސާފުކޮށް އެނގޭ: ނާޒިލް

މަޖިލީސް ތަޅުމުގައި ނާޒިލް ބަހުސް ކުރައްވަނީ

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މަޖިލީހަށް ހާޒިރުކޮށް، ކުރި ސުވާލުތަކަށް ދެއްވި ޖަވާބާ މެދު ހިތްހަމަނުޖެހިގެން އެމްޑީޕީގެ މެމްބަރުން ވަނީ އިހްތިޖާޖްކޮށްފަ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ކަންތައް ކުރި ގޮތުން މަޖިލީހުގެ ސުޕަމެޖޯރިޓީއާ އެކު ޕީއެންސީން ރައްޔިތުންގެ ހައްގުތައް ކަށަވަރު ނުކޮށްދޭނެކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޫކުރި ފްލެޓާއި ގޯތި މައްސަލާގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މަޖިލީހަށް ހާޒިރުކޮށް، ކުރި ސުވާލުތަކަށް ދެއްވި ޖަވާބާ މެދު ހިތްހަމަނުޖެހިގެން އެމްޑީޕީގެ މެމްބަރުން ވަނީ އިހްތިޖާޖްކޮށްފައެވެ.

މި އިހްތިޖާޖާ ހެދި ޖަލްސާ ކުރިއަށް ގެންދަން ހުރަސްއެޅުމުން މަޖިލީހުގެ ރައީސް ވަނީ އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ނަން އިއްވައިފަ އެވެ. އެކަމަކު ތަޅުމުން ނުނިކުންނަވައި، ކުރެއްވި އިހްތިޖާޖާ ގުޅިގެން މިއަދުގެ ޖަލްސާ މެދުކަނޑާލަން ވެސް ޖެހުނެވެ.

އެކަމާއި ގުޅުވައިގެނ އެމްޑީޕީގެ ޕީޖީ ގްރޫޕުން ކަންބޮޑުވުން ފާޅުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ، އެ ޕާޓީ އޮންނާނީ ރައްޔިތުންނާ އެކުގައި ކަމަށާއި އެ ޕާޓީން ކޮށްދޭ މަސައްކަތްތައް އަބަދު ވެސް ރައްޔިތުން ބަލައިގަންނަ ކަމަށެވެ.

"މިއަދު މަޖިލީހުގެ ރިޔާސަތުން އަމަލު ކުރި ގޮތުން އެބަ ސާފުވޭ މި މަޖިލީހުގެ ސުޕަ މެޖޯރިޓީއާ އެކު ޕީއެންސީ މެންބަރުންނާއި މަޖިލީހުގެ ބާރުވެރިކަމާ އެކު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ނުދޭނެކަން ވަރަށް ސާފުކޮށް އެބަ އެނގޭ،" ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވި ގޮތުގައި އެ މަސައްކަތް ހުއްޓާލައި ފުށިދިއްގަރުފަޅަށް މުޅި ފޯކަސް މި ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތިތައް ދިނުން މަޑުޖެހިފައިވާ ކަމަށާއި އެ ގޯތިތައް ދޫކުރެވޭނެ ތާރީހެއް ނޭނގޭ ކަމަށް މިނިސްޓަރު ވިދާޅުވުމަކީ އެމްޑީޕީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ނާޒިލް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވެސް މިނިސްޓަރު ހައިދަރު ކަންބޮޑުވުން ފާޅުކުރެއްވީ ކުރީގެ ސަރުކާރުން ބިންތައް ރައްޔިތުންނަށް ދީފައިވާ ގޮތުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، ހުޅުމާލެ 2 އިން ވެސް ބިންތައް ދޫކޮށްފައި ވަނީ މަގުތަކަށް އަރާ ގޮތަށާއި އެކި ކުންފުނިތަކުން ސާމާނުތައް ބަހައްޓާފައި ހުރި ތަންތަނުންނެވެ. އަދި ކަނޑުންނާއި ފަޅުން ވެސް ގޯތިތައް ދީފައިވާއިރު، އެ ތަންތަނަށް ގޯތި ނުކިޔޭނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 އިން ދޫކުރި ހުރިހާ ގޯތިތައް އެ ތަންތަނުގެ ވެރިފަރާތްތަކާ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހަވާލުކޮށް ނިމޭނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.