އައްޑޫގައި ކުރިއަށް ގެންދިޔަ 3 މަޝްރޫއެއްގެ ނިމުން މިއަދު ފާހަގަކޮށްފި

މަޝްރޫއުތަށް ހަވާލުކުރައްވާފަ

މަޝްރޫއުތަކަކީ އައްޑޫ ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިން ހިއްކުމާއި ހަންކެޑެ ބްރިޖްގެ މަސައްކަތް

އިންޑިއާގެ އެހީގައި އައްޑޫގައި ކުރިއަށް ގެންދިޔަ 3 މަޝްރޫއެއްގެ ނިމުން މިއަދު ފާހަގަކޮށްފިއެވެ.

މި މަޝްރޫއުތަކަކީ އައްޑޫ ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިން ހިއްކުމާއި ހަންކެޑެ ބްރިޖްގެ މަސައްކަތެވެ. އެ ތިން މަޝްރޫއުގެ މަސައްކަތް ނިންމައި މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ އެތަން ސަރުކާރަށް ހަވާލުކޮށްފައެވެ.

މިއަދު ނިމުން ފާހަގަކުރި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، ހިތަދޫން ހިއްކި 80 ހެކްޓަރުގެ ބިމާއި، މަރަދޫން ހިއްކި 76 ހެކްޓަރުގެ ބިމާއި، މަރަދޫ ފޭދޫން ހިއްކި 3.3 ހެކްޓަރުގެ ބިމާއި، ހަންކެޑެއަށް އިތުރުކުރި 4.7 ހެކްޓަރުގެ ބިމާއި، ފަތުރުވެރިކަމަށް ޚާއްޞަކޮށް ހިއްކި 8.3 ހެކްޓަރުގެ 3 ރަށް ހިމެނޭގޮތަށް ޖުމްލަ 190 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

އޭގެ އިތުރުން އައްޑޫ ހިއްކި ބިން ސަރަަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 7 ކިލޯމީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި ހިމާޔަތްކޮށްފައި އެވެ. މި ދެމަޝްރޫއުގެ މަސައްކަތް ކުރީ އިންޑިއާގެ ވެންއޫޑު ކުންފުނިންނެވެ.

މިއަދު އިފްތިތާހު ކުރި ތިން ވަނަ މަޝްރޫއަކީ، އިންޑިއާގެ އެފްކޮންސް ކުންފުނިން އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫއާ އެކުއެކީގައި ކުރިޔަށްގެންދިޔަ ހަންކެޑެ ބްރިޖްގެ މަސައްކަތެވެ. 1.463 ކިލޯމީޓަރުގެ މި ބްރިޖަކީ، 4 ލޭން އެކުލެވޭގޮތަށް، ހަންކެޑެ ބޭރުން ހުޅަނގު ދެކުނުގައި ތަރައްޤީ ކޮށްފައިވާ މަގެކެވެ.

ހަންކެޑެ ބްރިޖްގެ ޢަމަލީ މަސައްކަތް ފެށީ ރައީސް ޞާލިޙްގެ ވެރިކަމުގައި 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.