ފަލަސްތީންގެ 'ޖެނޮސައިޑް' ނިމުމަކަށް ގެނެވޭނީ އެއްވަސް ޤައުމެއް އިސްތިސްނާ ނުވާހެން ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒުކުރުމުން: ޒަމީރު

ޒަމީރު ތަގުރީރުކުރައްވަނީ

ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ދެގޮތެއްނުވެ ފަލަސްތީނާއެކު ތިބޭނެކަމުގެ ޔަޤީންކަން އެރުވި

ފަލަސްތީނުގެ ބިންތައް ހިފާ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލް އިން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ޚާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ތަޤްރީރުކުރައްވައިފިއެވެ.

އެ މަނިކުފާނުގެ ތަޤްރީރުގައި އިސްރާއިލް އިން މެދުކެނޑުމެއްނެތި ފަލަސްތީނުގައި ހިންގަމުންދާ 'ޖެނޮސައިޑް' ނުވަތަ ނަސްލު ނައްތާލުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވިއެވެ.

ވަކި ޤައުމެއް ނުވަތަ ޤައުމުތަކެއް އިސްތިސްނާ ނުވާނެހެން ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ ޤާނޫނު ތަންފީޒުކުރުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާއެއްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، ހަނގުރާމަ ވަގުތުން ހުއްޓާލައި، ފަލަސްތީނު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަސާސްތައް އެ ރައްޔިތުންނަށް ފޯރާކަން ކަށަވަރުކުރުމަކީ މި ވަގުތަށް އެންމެ މުހިންމުކަން ކަމުގައި މިނިސްޓަރގެ ތަޤްރީރުގައި ގޮވާލެއްވިއެވެ.

އަދި، ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ދެގޮތެއްނުވެ ފަލަސްތީނާއެކު ތިބޭނެކަމުގެ ޔަޤީންކަން އެރުވިއެވެ.

ހަމައެއާއެކު، މި ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ޙައްލަކީ 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްތީން އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް، އެއީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ޤައުމަކަށް ހެދުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެ މަނިކުފާނު ވަނީ ހަމާސްގެ ޗީފް އޮފް ޕޮލިޓިކަލް ބިއުރޯ، އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފައިވާތީ، އެ ކަން ކުށްވެރިކުރައްވާފައެވެ.

އޯ.އައި.ސީ.އަކީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި މެދުކެނޑުމެއްނެތި ވަކާލުތުކުރަމުންދާ 57 މެމްބަރު ޤައުމުތަކުގެ މައްޗަށް އެކުލެވޭ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އޯ.އައި.ސީ. ގެ މެމްބަރު ޤައުމަކަށްވީ 1976 ވަނަ އަހަރުއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.