މަޖްލިސް ތަޅުން
ޑިމޮކްރެޓްސް، އަދާލަތު ޕާޓީ، އެމްއާރްއެމް، އެމްޑީއޭ އަދި އެމްއެންޕީގެ މެންބަރުން މިއަދު ވަނީ އެ ގަރާރު ދިރާސާކުރާ ކޮމިޓީއަށް ހާޒިރުކޮށްފަ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދަދު ހިފެހެއްޓުމަށް ވެރިކަން ކުރާ ޕީއެންސީ އިން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބައެއް ހިޔާލުތަކާ އެކު ސިޔާސީ ޕާޓީތަކުން ތާއީދުކޮށްފިއެވެ.
އެގޮތުން ޑިމޮކްރެޓްސް، އަދާލަތު ޕާޓީ، އެމްއާރްއެމް، އެމްޑީއޭ އަދި އެމްއެންޕީގެ މެންބަރުން މިއަދު ވަނީ އެ ގަރާރު ދިރާސާކުރާ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
ޑިމޮކްރެޓްސްގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އައިޝަތު އަލައިކާ އަދުނާން ވިދާޅުވީ މަޖިލިސް މެންބަރުން އިތުރުވުމަކީ ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހޭ ކަމެއް ކަމަށެވެ. އެކަން ހައްލު ކުރަން އެ ޕާޓީގެ މެނިފެސްޓޯތަކުގައި ވެސް ހިމަނާފައިވާ ކަމަށެވެ.
އަދާލަތު ޕާޓީގެ ފަރާތުން ހިޔާލު ހުށަހެޅުއްވި އެ ޕާޓީގެ ރަޖިސްޓްރާ އާދަމް މުހައްމަދު ވިދާޅުވީ އަންހެން ބޭފުޅުން މަޖިލީހުގައި ތަމްސީލުވާ މިންވަރު އިތުރު ކުރުމަށް ކޯޓާ އެއް ކަނޑައެޅުމުގެ މަސައްކަތް ވެސް މީގެ ތެރެއިން ކުރަން ޖެހޭ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޓެކްނިކަލް ދާއިރާތަކުގެ މީހުންނަށް ވެސް މަޖިލީހުން ހާއްސަ ސްލޮޓްތަކެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެމްއާރްއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ މަޖިލީހަކީ ބައިކެމަރަލް ތަނަކަށް ހަދައި މަތި ގެއަކާއި ދަށު ގެއެއް އޮންނަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އެބަދަލު ގެންނަން ޖެހޭނީ ޖުމްލަ މެންބަރުންގެ އަދަދު މިހާރަށް ވުރެ އިތުރު ނުވާ ގޮތަށް ކަމަށެވެ.
އެމްޑީއޭ އާއި އެމްއެންޕީން ވެސް ވަނީ މެންބަރުންގެ އަދަދު ލިމިޓު ކުރަން ތާއީދު ކޮށްފަ އެވެ. ނަމަވެސް މިހާރު އަތޮޅުތަކަށް މެންބަރުން ބެހިފައި އޮތް ގޮތަށް އެއްވެސް ބަދަލެއް ގެންނަން ތާއީދު ނުކުރައްވާނެ ކަމަށް އެމްޑީއޭ އިން ވަނީ ބުނެފައެވެ. އަދި އެމްއެންޕީން ހުށައެޅީ ގާނޫނުއަސާސީ އެކުލަވާލި އިރު މަޖިލީހުގައި ތިއްބެވި އަދަދަށް، 77 މެންބަރުންނަށް ހެދުމަށެވެ.
ކޮމެންޓް