ޝެއިޙް ހަސީނާ
ބަންގްލަދޭޝްގެ ރައީސްގެ އިރުޝާދާއެކު ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އަސްކަރިއްޔާގެ ޖެނަރަލް ވިދާޅުވި
ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވާ، ޤައުމު ދޫކުރައްވާ ފިއްލަވައިފިއެވެ.
ޝެއިޚް ހަސީނާ އިސްތިއުފާ މި ދިނީ އެ ޤައުމުގައި ހިނގަމުންދާ މުޒާހަރާތަކުގެ ބައިވެރިން ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅަށް ވަދެގަތުމާއި ގުޅިގެންނެވެ. ޚަބަރުތަށް ލިބޭ ގޮތުގައި ޝެއިޚް ހަސީނާ ވަނީ އަސްކަރީ ހެލިކޮޕްޓަރެއްގައި އެކަމަނާގެ އާއިލާ އެއްކޮށް ފިއްލަވާފައެވެ.
ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ޗީފް، ޖެނަރަލް ވަކަރް-އުޒް ޒަމަން ވަނީ ބަންގްލަދޭޝްގެ ރައީސްގެ އިރުޝާދާއެކު ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މުޒާހަރާގެ ބައިވެރިންނާއި އަސްކަރިއްޔާގެ ކުރިމަތިލުންތަށް ހުއްޓުވުމަކަށް ގެންނާނެކަމަށްވެސް ވިދާޅުވިއެވެ.
ސިވިލް ސާވިސް ވަޒީފާއަށް މީހުން ނަގާ ގޮތާ މެދު ހިތްހަމަނުޖެހިގެން މިދިޔަ މަހު ފެށި މުޒާހަރާތަކުގައި އެތައް ބަޔަކު މަރުވުމުން މުޒާހަރާ މެދުކަނޑާލުމަށްފަހު އިއްޔެ ފެށިއެވެ. އަދި އިއްޔެއަކީ އެންމެ ގިނަ މީހުން މަރުވި އެއް ދުވަހެވެ.
ކޮމެންޓް