އިސްލާމީ މަރުކަޒުގައި ނަމާދުކުރަނީ
ހުތުބާގައި މިއަދު އަލި އަޅުވާލާފައިވަނީ ދަރަންޏަށް
ދަރަނި ނުދައްކައި ލަސްކުރުމަކީ، ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ދަރންޏަށް އަލި އަޅުވާލާ މިއަދުގެ ހުތުބާގައި ބުނީ ދަރަނި ދެއްކުން ފަސްކުރުމަކީ ދަރަނި ދޫކުރި މީހާއަށް ނުހަނު ގެއްލުންވާނެ ކަމެއް ކަމަށެވެ. އަދި ދަރަނި ނަގަނީ ބައިތުލްމާލުންކަމުގައި ވަނީ ނަމަ، އެއީ އެންމެހައި ރައްޔިތުންގެ ޙައްޤުތައް އޭގައި ހިމެނޭ ދަރަންޏެއް ކަމަށެވެ. އެހެންވެ، އެފަދަ ބޮޑެތި ދަރަނިތައް ނުދައްކައި ލަސްކުރުމަކީ އެ ކަމުގެ ފާފަ އެހެނިހެން ދަރަނިތަކަށް ވުރެ ބޮޑުވެދާނެ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނާ ގޮތުން ދަރަނީގެ މުޢާމަލާތަކީ، ޝަރުޢީ ޙުކުމްތަކެއް ހުރި ކަމެކެވެ.
"ދަރަނީގެ މުޢާމަލާތެއް ކުރާ އިރު، އެ ކަމާ ބެހޭ ލިޔެކިޔުމާއި، ހެކި ހުންނާން ޖެހޭނެ. ކީރިތި ޤުރްއާނުގައި ވަނީ، އެކަންކަމަށް އަމުރުކުރައްވައިފަ. ފުރަތަމަ ކަމަކީ، އެ ކަމާބެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން" ހުތުބާގައި ބުންޏެވެ.
އަދި މި މުޢާމަލާތު ހިންގި އިރު، އެ ކަން ހިނގިކަން ކަށަވަރުކޮށްދޭ ހެކީން ބޭތިއްބުމަށް ވެސް ވަނީ އަމުރުކުރައްވައިފައިކަމަށް ހުތުބާގައި ބުންޏެވެ. މީގެ އިތުރުން، ދަރަނީގެ އެއްބަސްވުން ލިޔާނެ މީހަކު ނެތްޙާލަތެއް ގައި، އިތުބާރެއްގެ ގޮތުން، ރަހުނެއް ބާއްވާން ވެސް ވަނީ އަމުރުކުރައްވައިފައި ކަމަށް ހުތުބާގައި ބުންޏެވެ.
ކޮމެންޓް