މީޑިއާ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ޝަހީމް ވާހަކަފުޅު ދައްކަވަނީ
ޒަކާތަށް ހޭލުންތެރިކުމުގެ ގިނަ ޕްރޮގުރާމުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި މިހައި ތަނަށް ހިންގިފައިވާކަމަށް ވެސް ވިދާޅުވި
ފާއިތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ޒަކާތު ފަންޑަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރޭ "ޕީއެސްއެމް ނިއުސް"ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޑރ. މުޙަންމަދު މުޢިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފައްދަައި ޒަކާތުގެ މަސައްކަތް އިތުރަށް ފުޅާކުރައްވައިފައިވާކަމަށެވެ. މި މަސައްކަތުގެ ތެރެއިން ޒަކާތަށް ހޭލުންތެރިކުމުގެ ގިނަ ޕްރޮގުރާމުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި މިހައި ތަނަށް ހިންގިފައިވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ޒަކާތު ހައުސްގެ އަމާޒަކީ މި އަހަރު ނިމޭ އިރު، ޒަކާތު ފަންޑަށް 100 މިލިއަނާ ކައިރި އަދަދަކަށް ރުފިޔާ ޖަމާކުރެއްވުންކަމަށާއި އެ ކަން ވާނީ ފާހަގަކޮށްލެވޭ ފަދަ ތާރީޚީ ކަމެއްކަމަށެވެ. މީގެ އިތުރަށް "ދިވެހިރާއްޖޭގެ ޒަކާތު ހައުސް"އަކީ ދިވެހީން ފަޚުރުވެރިވާ ފަދަ މުއައްސަސާއަކަށް ވާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ޒަކާތު ހައުސްގެ ކަންކަމުގައްޔާއި އިސްލާމީ ކަންތައްތަކާ ބެހޭ އެކިއެކި ޕްރޮގްރާމްތަކަށް ރައީުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުމަށް ޓަކައި ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވައިފައެވެ.
ކޮމެންޓް