ރާޖޫ ހޯދި އަގު ބޮޑު ޖަވާހިރު ދައްކާލަނީ
މެދުތެރޭ އިންޑިއާގައި ދިރިއުޅޭ މީހަކު އެއް ލައްކަ ޑޮލަރުގެ އަގުހުރި ޖަވާހިރެއް ހޯދައިފިއެވެ.
19.22 ކެރެޓްގެ އަގުހުރި އެ ޖަވާހިރު ފެނުމުން ފަގީރު ދިރިއުޅުމެއް އަންނަ އެމީހާގެ މުޅި ދިރިއުޅުން ވަނީ ބަދަލުވެފައެވެ.
ރާޖޫ ގޮންޑް ނަމަކަށް ކިހާ އެމީހާ ކުރާ މަސައްކަތުން އާންމުކޮށް ދުވާލަކު ލިބެނީ ގާތްގަނޑަކަށް ހަތަރު ޑޮލަރެވެ. ރާޖޫ މަސައްކަތްކުރަނީ އޭނާގެ އުފަން ސްޓޭޓް، މަދްޔާ ޕްރަދޭޝްގެ ދަނޑުތަކުގައާއި ޖަވާހިރު ހޯދުމަށް މައިންތަކުގައެވެ.
ރަން ހޯދުމަށްޓަކައި ސަރުކާރަށް 9.50 ޑޮލަރު ދައްކައިގެން ވަޅު ކޮނުމުގެ މަސައްކަތް އުމުރުން 40 އަހަރުގެ ރާޖޫ އާއި އޭނާގެ ކޮއްކޮ ރާކޭޝް ކުރެއެވެ. އެއް ލައްކަ ޑޮލަރުގެ އަގުހުރި ޖަވާހިރު އެމީހުންނަށް ފެނުނީ އެގޮތަށް ކޮނުނު ވަޅަކުންނެވެ.
ރާޖޫ ބުނިގޮތުގައި ވަޅު ކޮނުނު ވަގުތު ފެނުނު ޖަވާހިރު ސާފު ކުރަމުންދިޔައިރު، އޭގެ ވިދުން އިތުރަށް ގަދަވަމުން ދިޔަ ކަމަށާއި އެއީ ޖަވާހިރެއްކަން ފަހުން ޔަގީންވި ކަމަށެވެ. އެއާއެކު ގެއަށް ގޮސް އެ އުފާވެރި ޚަބަރު އާއިލާއަށް ދިން ކަމަށް ސީއެންއެންއަށް ދިން އިޓަވިއުއެއްގައި ރާޖޫ ބުންޏެވެ.
ރާޖޫ މިހާރު ވަނީ ބޭންކު އެކައުންޓެއް ހުޅުވައި ޖަވާހިރު ވިއްކާލައިގެން ލިބޭ ލާރި ޖަމާކުރެވޭނެ ގޮތްވެސް ހަމަޖައްސައިފައެވެ.
ލިބޭ ލާރިން އެންމެ ފުރަތަމަ ދަރަނި އަދާ ކުރާނީ ކަމަށާއި އޭގެ ފަހުން ކުދިން ކިޔެވުމަށާއި، ގެ އެއް އިމާރާތްކޮށް، ބިމެއް ގަނެ، އަދި ޓްރެކްޓަރެއްވެސް ގަންނަން ނިންމައިފައިވާ ކަމަށް ރާޖޫ ބުންޏެވެ.
ރަޖޫގެ އާއިލާގައި މައިންބަފައިންނާއި، އަންހެނުންނާއި ހަތް ކުދިންގެ އިތުރުން ކޮއްކޮގެ އަންހެނުންނާ ދަރިންވެސް ހިމެނެއެވެ. އަދި އާއިލާގެ ބޭނުންތައް ފުއްދުމަށް ވަރަށް ދަތި ކަމަށާއި މިހާރުގެ ދިރިއުޅުމަކީ އެއްވެސް ވަރަކަށް ހަމަޖެހޭ ދިރިއުޅުމެއް ނޫން ކަމަށް ރާޖޫ ވަނީ ބުނެފައެވެ.
ކޮމެންޓް