އޯގާތެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ބަލާއިރު އެންމެ މުހިންމު އެއް ކަމަކީ 'އިންކުލޫސިވް ސޮސައިޓީއަކަށް' މިތަން ހެދުން: ރައީސް ޑރ. މުޢިއްޒު

ރައީސް ވާހަކަފުޅު ދައްކަވަނީ

އަންހެން ބޭފުޅުންނަށް 100 މިލިއަން ރުފިޔާގެ ލޯން ސްކީމެއް މި ސަރުކާރުން ތަޢާރަފުކޮށްފައިވާކަން ފާހަގަކުރައްވައި މީގެ ތެރެއިން 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކުރުމަށް ނިންމަވާފައިވާކަމުގައި ވިދާޅުވި

މުޖުތަމަޢުގެ ތެރޭގައި ކުލުނުވެރިކަމާއި، އޯގާތެރިކަން ނެތި މިނިވަންކަން އިހުސާސުކުރެވެން ނޯންނާނެކަމުގައި ފާހަގަކުރައްވައި، އޯގާތެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ބަލާއިރު އެންމެ މުހިންމު އެއްކަމަކީ 'އިންކުލޫސިވް ސޮސައިޓީއަކަށް' ނުވަތަ އެއްވެސް މީހަކު ބާކީނުކޮށް އެންމެންވެސް ޝާމިލުކޮށްގެން ކުރިއަށްދާ މުޖުތަމަޢަކަށް ހެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ވަޒީރުންނާއި، ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އަންހެން ބޭފުޅުންނަށް 100 މިލިއަން ރުފިޔާގެ ލޯން ސްކީމެއް މި ސަރުކާރުން ތަޢާރަފުކޮށްފައިވާކަން ފާހަގަކުރައްވައި މީގެ ތެރެއިން 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކުރުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެފަދަ ފަރާތްތައް އުނގެނުމަށް ފަހި ފުރުޞަތު ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ކުރިއަށް އޮތް އޮގަސްޓް މަހު 'ސައިން ލޭންގުއޭޖް' ކޯސްތަކެއް އާންމުންނަށް ހުޅުވާލައްވާނެކަމުގައެވެ. އަދި އެކަމުގެ ސަބަބުން އެންމެން އެއްމުޖުތަމައެއްގެ ގޮތުގައި އުޅުމަށް މަގުފަހިވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މުޖުތަމަޢުގެ ސަލާމަތަށްޓަކައި ޑްރަގުގެ ވަބާއިން ސަލާމަތްވާންޖެހޭކަމުގައި ފާހަގަކުރައްވައި މި ސަރުކާރުން ޑުރަގުގެ ވަބާއިން ސަލާމަތްވުމަށްވެސް މީގެކުރިން ދުވަހަކު ރާއްޖޭގައި ނުކުރާ މިންވަރަށް މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅުއްވާފައިވާކަން ހާމަކުރެއްވިއެވެ. އަދި މަސްތުވާ ތަކެއްޗާ ގުޅޭ ޤާނޫނަށްވެސް މުހިންމު ބަދަލުތަކެއް ގެންނަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައްވެސް ބާކީ ނުކޮށް، އެ ފަރާތްތަކަށް ބޭނުންވާ ފަރުވާ ދިނުމަށް ފަހު މުޖުތަމަޢަށް އަލުން އަނބުރާ ގެނައުމަށް މަސައްކަތް ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް މި ސަރުކާރުގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވައި އެކަން ކާމިޔާބުކަމާއެކީ ހާސިލުކުރުމަށް އުންމީދުކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ މިރޭގެ ޖަލްސާގައި ވިދާޅުވިއެވެ. އަދި ގޭންގް ކުށްތައް މަނާކުރުމާބެހޭ ޤާނޫނަށްވެސް މުހިންމު އިސްލާހުތައްގެނެސް އެ މައްސަލައަށް އެދެވޭ ނަތީޖާއެއް ނެރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ޙިއްޞާކުރެއްވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.