ނައިބު ރައީސް އޮލިމްޕިކްސްގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި

ނައިބު ރައީސް އެތުލީޓުންނާއެކު

ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވައިފަ

ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ ދިވެހި ވަފުދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައްދަލުކުރައްވައި އެތުލީޓުންނަށް ހިތްވަރުދެއްވައިފިއެވެ.

އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ ދިވެހި ވަފުދާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވީ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފްރާންސްގެ ޕެރިހަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދިވެހި އެތުލީޓުންނާއެކު ރޭ ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައިފައެވެ.

މިއަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހި ފަސް އެތުލީޓުން ބައިވެރިވާއިރު، މި އަހަރަކީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހިރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ބައިވެރިވާ އަހަރުވެސްމެއެވެ.

ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ އުފުލުމުގެ ފަޚުރުވެރި ޝަރަފު މިއަހަރު ލިބިފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީ އަދި ދުވުންތެރިޔާ އިބާދުﷲ އާދަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.