އަނާރާ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަނީ
އަދުލު އިންސާފު ލަސްވުމަކީ އަދުލު އިންސާފު ނުލިބުން ކަމަށާއި ބައެއް ހާލަތުގައި ލަސްވުމުގެ ސަބަބުން އަދުލު އިންސާފު ގެއްލޭގޮތްވާ ކަމަށް އަނާރާ ވިދާޅުވި
އަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި އަދުލު އިންސާފު އަވަސްކޮށް ޝަރީއަތްތައް އަވަސް ކުރަން ޖެހޭ ކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ.އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްކުރައްވަމުން އަނާރާ ވިދާޅުވީ މައްސަލަތައް އަވަހަށް ތަހުޤީގުކޮށް ޝަރީއަތުގެ މަރުހަލާތައް އަވަހަށް ނިންމުން ވަރަށް މުހިންމު ކަމަށެވެ.
"އަދުލު އިންސާފު ފޯރުކޮށްދެވޭނީ ހަމަ އަދުލު އިންސާފު އަވަސްކޮށްގެން. އެ މައްސަލަތައް އަވަހަށް ތަހުޤީގުކޮށް އަވަހަށް އެކަމަށް ހުކުމް ކުރެވިގެން." އަނާރާ ވިދާޅުވިއެވެ.
އަދުލު އިންސާފު ލަސްވުމަކީ އަދުލު އިންސާފު ނުލިބުން ކަމަށާއި ބައެއް ހާލަތުގައި ލަސްވުމުގެ ސަބަބުން އަދުލު އިންސާފު ގެއްލޭގޮތްވާ ކަމަށް އަނާރާ ވިދާޅުވިއެވެ. އެހެންކަމުން ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން އަދުލު އިންސާފު ލިބިދިނުމަށްޓަކައި އަދުލު އިންސާފު އަވަސް ކުރުމަށް އަނާރާ ވިދާޅުވިއެވެ.
މުޖުތަމައުގައި ކުށް މަދުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ ކަމަށާއި އެކަން ކުރެވޭނީ ކުޑައިރުން ފެށިގެން ކުދިންނަށް ރަނގަޅު އަޚުލާގާއި ޒިންމާތައް އެކުދިންގެ މަސްއޫލިއްޔަތުތައް ސިލަބަހުގައި ހިމަނައިގެން ދަސްކޮށްދިނުމުން ކަމަށެވެ.
"މުޖުތަމައުގައި ކުށްކުރުން މަދުކުރުމަށްޓަކައި އެބަޖެހޭ މަސައްކަތްތަކެއް ކުރަން. ކުށަށް އަރައިގަތުމުގެ ކުރިން އެކުށް ނުކޮށް ގިނަ ބަޔަކު އުޅޭނެ ގޮތަކަށް އިންތިޒާމުތަކެއް އެބަ ރާވަން ޖެހޭ." އަނާރާ ވިދާޅުވިއެވެ.
ކޮމެންޓް