ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފި

އޮޕަރޭޝަނެއްގެ ތެރެއިން

17 ނޮވެމްބަރު 2023 އިން 15 ޖުލައި 2024އާ ހަމައަށް 153 ތަނެއް ބަލާފާސްކޮށް، މިހާތަނަށް 2069 ބިދޭސީން ޑީޕޯޓްކޮށްލާފަ

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގެ ހަ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ ދެ މީހަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ 17 ނޮވެމްބަރު 2023 އިން 15 ޖުލައި 2024އާ ހަމައަށް 153 ތަނެއް ބަލާފާސްކޮށް، މިހާތަނަށް 2069 ބިދޭސީން ޑީޕޯޓްކޮށްލާފައެވެ.

އިމިގްރޭޝަނުން އެންމެ ފަހުން ހިއްސާ ކުރި މައުލޫމާތުތަކަށް ބަލާއިރު ހަށިވިއްކުމާއި ޑްރަގާއި ގޭންގް މާރާމާރީތަކުގެ އިތުރުން ކަޅު ބާޒާރުގައި ބޭރުގެ ފައިސާގެ މުއާމަލާތް ހިންގުމަށް ވެސް ގިނަ ޢަދަދަކަށް ބިދޭސީން ހަރަކާތްތެރިވަމުންދެއެވެ. މިފަދަ ބިދޭސީން އަތުލައިގަނެ، އިމިގްރޭޝަނުން ވަނީ އެފަދަ މީހުން މިހާރު ރާއްޖެއިން ޑީޕޯޓްކޮށްފައެވެ.

17 ނޮވެމްބަރު 2023 އިން 15 ޖުލައި 2024އާ ހަމައަށްކަޅު ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތް ކުރަމުންދިޔަ 8 ބިދޭސީއަކާއި، ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 65 ބިދޭސީންގެ އިތުރުން ޑްރަގް އަދި ގޭންގް މާރާމާރީތަކުގައި އުޅުނު 141 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.

އަދި އިމިގްރޭޝަނުން ބަލުމުންދާ އެކި މައްސަލަތަކުގައި ހޯދަމުންދިޔަ 15 ބިދޭސީންނާއި ވިސާ އަދި ލިޔެކިޔުމަށް ބަދަލު ގެނެސްގެން 9 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.

އިމިގްރޭޝަނުން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްސަ އޮންލައިން ޕްލެޓްފޯމެއް އިފްތިތާހުކޮށްފައެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ އަވަހަށް ރިޕޯޓްކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.