ކޮންޓެއިނާ ސްކޭނަރެއް ލިބިއްޖެނަމަ ހިދުމަތް އިތުރަށް ހަލުއިކުރެވޭނެ: މާނިއު

އެސްއޯއީ ކޮމިޓީގައި މާނިއު

މުހިންމު ތަންތަނުގައި ކެމެރާ ހަރުކޮށް ނުރައްކާތައް ދެނެގަތުމަށް އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންކުރަމުގެ މަސައްކަތް އެ އިދާރާއިން ކުރަމުންދާ ކަމަށް ވިދާޅުވި

ކޮންޓެއިނާ ސްކޭނަރެއް ލިބިއްޖެނަމަ ކަސްޓަމްސްގެ ހިދުމަތް އިތުރަށް ހަލުއިކުރެވޭނެ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފު މާނިއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން މާނިއު ވިދާޅުވީ އެމްޕީއެލްގެ ބަނދަރުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި ބަނދަރަށް ކޮންޓެއިނާ ސްކޭނަރެއް ބޭނުންވާ ކަމަށެވެ. ކޮންޓެއިނާ ސްކޭނަރެއް ލިބިއްޖެނަމަ ކަސްޓަމްސް ހިދުމަތް އިތުރަށް ހަލުއިކުރެވޭނެ ކަން މާނިއު ފާހަގަކުރެއްވިއެވެ،

ހިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ އިތުރު ގޮންޖެހުމެއްގެ ގޮތުގައި މާނިއު ފާހަގަކުރެއްވީ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ރިކުއާމެންޓަށް އެއާޕޯޓުތައް ތަރައްގީ ކުރުމަށްފަހު، އެ އެއާޕޯޓުތައް ބައިނަލްއަގުވާމީ އެއާޕޯޓުތަކަށް ބަދަލުކުރާއިރު އެތަންތަނުގައި އިންޓަނޭޝަނަަލް އެއާޕޯޓުތަކުގައި ހުންނަންޖެހޭ ސަލާމަތީ ހިދުމަތްތަކާއި ވަސީލަތްތައް ނެތުމެވެ.

"އެތަންތަނުގެ އިންފްރަސްޓްރަކްޗާ ހުންނަނީ އިންޓަނޭޝަނަލް އެއާޕޯޓުތައް ގޮތަކަށް ނޫން. އެހެންވީމާއި އެންމެ ރަނގަޅަށް ސެކިއުރިޓީ މެޝާސް ނުނެގޭ. އެހެންވީމާ ރީޖަނަލް އެއާޕޯޓްސްގެ އިންފްރަސްޓްރަކްޗާތަކަށް ބަދަލުތަކެއް ގެންނަންޖެހޭ" މާނިއު ވިދާޅުވިއެވެ.

ކަސްޓަމުން މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ ގާނޫނު ތަންފީޒު ކުރުމާއި ވިޔަފާރިއަށް މަގުފަހި ކުރުމުގެ މަސައްކަތްތައްކަން ފާހަގަކުރައްވާ މާނިއު ވަނީ އެކަށީގެންވާ ގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އަދަދަށްވުރެ މަދުވެގެން 330 މުވައްޒަފުން އެ އިދާރާގައި މަދު ކަމަށް ވިދާޅުވެފައެވެ.

މާނިއު ވިދާޅުވީ ކަސްޓަމްސްގެ މަސައްކަތް ޑިޖިޓައިޒްކޮށް ކޮމްޕިއުޓަރައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މުހިންމު ތަންތަނުގައި ކެމެރާ ހަރުކޮށް ނުރައްކާތައް ދެނެގަތުމަށް އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންކުރަމުގެ މަސައްކަތް އެ އިދާރާއިން ކުރަމުންދާ ކަމަށްވެސް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.