ރީކޯ އެމްޑީޕީ ހަރުގެ ބޭރުގައި
ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވެސް ވާދަނުކުރެވޭ ގޮތަށް ނިންމާފައި
އެމްޑީޕީގެ މާލޭ ސިޓީގެ ރައީސް ކަމަށް ވާދަކުރުމުގެ ފުރުސަތު އެޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކަށް ނުދިނުމަށް އެޕާޓީން ނިންމައިފިއެވެ.
"އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ކުޑަވެސް ފުރުސަތެއް ނެތް. 2014 ގައި ޕާޓީން ކަނޑާލީވެސް ނަޝީދަށް ވެރިކަން ލިބުމުގައި ހުރަހަކަށް ވާތީކަން ޔަޤީން. މިހާރުވެސް އެބިރު" ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.
މޫސަ ވަނީ އެމްޑީޕީން އޭނާގެ ކެންޑިޑެސީ ބަލައިނުގަނެ އޭނާއަށް ފޮނުވާފައިވާ ލިޔުން މީސް މީޑިއާގައި ހިއްސާ ކުރަށްވާފައެވެ.
އެގޮތުން އެލިޔުމުގައި ވަނީ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށަހެޅި މޫސަގެ މައްސަލަ ބެލުމަށް ފަހު، އެ ޕާޓީން އޭނާ ވަކިކުރުމަށް ނިންމި ނިންމުމުގައި، އޭނާ އަލުން އެ ޕާޓީއަށް ވަދެވަޑައިގެންފިނަމަ، އެ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވެސް ވާދަނުކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށް ބަޔާން ކޮށްފައެވެ.
"މި ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާތީ" އެމްޑީޕީން މޫސައަށް ފޮނުވާފައިވާ ލިޔުމުގައިވެއެވެ.
އެހެންކަމުން އެމްޑީޕީގެ މާލެ ސިޓީ ދާއިރާގެ ރައީސް ކަމަށް އޭނާގެ ހުށަހެޅުއްވުން ގަބޫލު ނުކުރާކަން ވެސް ވަނީ އަންގާފައެވެ.
މީގެކުރިން އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު އަދާކުރެއްވި މޫސަ އެމްޑީޕީން ވަކިކޮށްފައިވަނީ 2016 ގައެވެ. މޫސަ ވަނީ 2017 ވަނަ އަހަރު ރައީސް ޔާމިންގެ ވެރިކަމުގައި ޕީޕީއެމް ގައިވެސް މަސައްކަތް ކުރަށްވާފައެވެ. އަދި 2018 ގައި ރައީސް ޔާމިނަށް ވެރިކަން ހޯދައިދިނުމަށް ވެސް މޫސަ ވަނީ މަސައްކަތް ކުރައްވާފައެވެ.
ކޮމެންޓް