ކޮންމެ ބޭފުޅެއްގެވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދަމާ: މިނިސްޓަރ ޠާރިޤު

ގޯ ގްރީން އިވެންޓްގައި ވަޒީރު ވާހަކަފުޅު ދައްކަވަނީ

ގޯ ގްރީން އަކީ 1000 ގަސް އިންދުމަށް އެޗް.ޑީ.ސީ އާއި ގުޅިގެން ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ

އިއްޔެ ހަވީރު ހުޅުމާލެ ފޭސް 2 ގައި ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން "ގޯ ގްރީން" ގެ ނަމުގައި ބޭއްވުނު ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

"ގޯ ގްރީން" އިވެންޓަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވި "މުޅި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުން" މި ޝިޢާރުގެ ދަށުން 1000 ގަސް އިންދުމަށް އެޗް.ޑީ.ސީ އާއި ގުޅިގެން ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤު ވަނީ ރާއްޖެ ފަދަ ހޫނު ގަދަ، ގަސް މަދު ޤައުމެއްގައި ހިތްހަމަ ޖައްސާލުމަށް ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމުގައި ފާހަގަކުރައްވާ "ގޯ ގްރީން" މަޝްރޫޢަކީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބާރުއަޅާނެ ފުރިހަމަ ޕްރޮގްރާމެއް ކަމުގައި ފާހަގަ ކުރައްވާފައެވެ. ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކި އެންމެން ގުޅިގެން މި މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ގޮވާލާ ކޮންމެ ބޭފުޅެއްގެ ވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދައި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރަސްމިއްޔާތުގެ ތެރެއިން ރަސްމިއްޔާތުގެ ބައިވެރިން ވަނީ ހުޅުމާލޭގައި ގަސް އިންދުމުގެ މަޝްރޫޢު ފަށާފައެވެ. މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ފުރަތަމަ ގަސް އިންދަވައިދެއްވީ މިނިސްޓަރ ޠާރިޤު އިބްރާހީމްއެވެ. މި ޕްރޮގްރާމުގައި 350 އަށް ވުރެ ގިނަ ބައިވެރިން ހަރަކާތްތެރިވެފައި ވާއިރު މީގެ 50 އިންސަންތަ އަކީ ކުޑަކުދިންނެވެ.

"ގޯ ގްރީން" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ކްލީން މޯލްޑިވްސްގެ ބާނީއާއި އިވެންޓްގެ ސްޕޮންސަރުންގެ އިސް ބޭފުޅުންނާއި ސްކޫލު ދަރިވަރުންނާއި އެކި އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.