ތިނަދޫ ސިޓީގައި ވެމްކޯގެ ޙިދުމަތް ވަޒީރު ޠާރިޤް އިފްތިތާޙް ކޮށްދެއްވައިފި

ވެމްކޯގެ ޙިދުމަތް ފައްޓަވައިދެއްވަން ބޭއްވި ރަސްމިއްޔާތު ތެރެއިން

ކުނި މެނޭޖްކުރުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭހެން "މަގޭ ސާފު ރާއްޖެ" މަޝްރޫއު މިހާރު ވަނީ ލޯންޗް ކުރެވިފައި ކަމަށް ވަޒީރު ވިދާޅުވި

ތިނަދޫ ސިޓީގައި ވެމްކޯގެ ޙިދުމަތްތަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މި ހަފްލާ ޝަރަފުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވަނީ ވެމްކޯގެ މަސައްކަތްތައް އެރަށުގައި ފެށުމުން ވެމްކޯ އާއި ގދ. ތިނަދޫ ކައުންސިލާއި ރަށު ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތަަކަށާއި ރާއްޖޭގައި ކުނި މެނޭޖްކުރެވެމުންދިޔަ ގޮތަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ވަސީލަތް މަދު ކަމާއި، ރާއްޖޭގެ ރަށްރަށް އެކުލެވިފައިވާ ގޮތުން، ވަށާޖެހޭ، ޚަރަދުކުޑަގޮތެއްގައި އެ މަސައްކަތްކުރުމަށް ހުރި ގޮންޖެހުމަށްވެސް ވަޒީރު ޠާރިޤް ބައްލަވާލެއްވިއެވެ.

އަދި، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ފަސް އަހަރު ދުވަހަށް ބަހާލައިގެން ކުނި މެނޭޖްކުރުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭހެން "މަގޭ ސާފު ރާއްޖެ" މަޝްރޫއު މިހާރު ވަނީ ލޯންޗް ކުރެވިފައި ކަމަށާއި މާސްޓަރ ޕްލޭނެއްގެ ދަށުން ރާއްޖެ 7 ސަރަހައްދަކަށް ބަހާލައިގެން، ވަށާޖެހޭ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާކަމަށްވެސް ވަޒީރު ޠާރިޤް ވިދާޅުވިއެވެ.

ވިލުންވެރި ރާއްޖެއެއް ބިނާކުރުމުގައި ސަރުކާރުން ފަށާފައިވާ "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އެ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

ވަޒީރު ތިނަދޫ ސިޓީއަށް ކުރައްވަމުން މި ގެންދާ ދަތުރުފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވި 5 އަހަރުން 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ގަސްވެސް އިންދަވާފައެވެ. މި އިވެންޓުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލްވެސް ވަނީ ގަހެއް އިންދަވާދެއްވާފައެވެ.

photo_2024-07-04_20-24-59.jpg

މި ދަތުރުފުޅުގައި ވަޒީރު ވަނީ ތިނަދޫ ސިޓީ ކައުންސިލް އާއި ޑަބްލިއުޑީސީގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި އެ ސިޓީގައި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ކުރެވޭނެ ކަންކަމުގެ މަޝްވަރާތަށް ވަނީ ކުރެވިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.