ޖޮއާއޯ ފެލިކްސް
ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އޭސީ މިލާނަށް މިހާރު ކުޅެމުންދާ ޗެލްސީގެ ފޯވާޑް ޖޮއާއޯ ފެލިކްސް، ސައުދީީ އަރަބިއްޔާގެ އަލް ނަސްރަށް ވިއްކާލަން ނިންމައިފިއެވެ.
އުމުރުން 25 އަހަރުގެ ޕޯޗުގަލް ފޯވާޑް 43.7 މިލިއަން ޕައުންޑަށް ވިއްކާލަން ޗެލްސީން ވަނީ އެއްބަސްވެ އެ ކްލަބުގެ މެޑިކަލް ހެދުމަށް ރިޔާދަށް ދިއުމުގެ ހުއްދަ ފެލިކްސްއަށް ދީފަ އެވެ.
މިދިޔަ ހޫނު މޫސުމުގައި ޗެލްސީ އިން 45 މިލިއަން ޕައުންޑަށް ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން ފެލިކްސް ގަނެފައިވާއިރު، މިދިޔަ ސީޒަނުގެ ފަހުކޮޅު ހަ މަސް ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން 5 މިލިއަން ޕައުންޑަށް ޗެލްސީން ވަނީ އޭނާ އޭސީ މިލާނަށް ދޫކޮށްފަ އެވެ.
ފެލިކްސްގެ ޓްރާންސްފަރއިން ޗެލްސީއަށް ފައިދާ ވެފައިވާއިރު ޔުއެފާ އިން ވަނީ އެ ޓީމުގެ މާލީ ކަންތައްތައް ހަމައަކަށް އެޅުވުމަށް އެ ކްލަބަށް އިންޒާރުދީފަ އެވެ. އަދި ޔުއެފާ އިން ވަނީ 27 މިލިއަން ޕައުންޑުން ޗެލްސީ ޖުރިމަނާކޮށް މާލީ ކަންތައްތައް ރަގަޅު ނުކޮށްފިނަމަ ކުރިއަށް އޮތް ޗެމްޕިއަންސް ލީގަށް އެ ކްލަބަށް އައު ކުޅުންތެރިން ރަޖިސްޓަރީ ނުކުރެވޭނެކަމުގެ އިންޒާރުވެސް ދީފަ އެވެ.
ޗެލްސީ އިން ވަނީ ފެލިކްސްގެ އިތުރުން އެހެން ބައެއް ކުޅުންތެރިން ވިއްކާލައިގެން 130 މިލިއަން ޕައުންޑް ހޯދާފަ އެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދާދި ފަހުން ހޯދާފައިވާ ޗެލްސީން ވަނީ ކުރިއަށް އޮތް ސީޒަނަށް އެ ކްލަބު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ލިއާމް ޑެލަމް އާއި ޖެމީ ގިޓެންސްގެ އިތުރުން ޖޮއާއޯ ޕެޑްރޯގެ ސޮއި ހޯދާފަ އެވެ. އަދި މި ކުޅުންތެރިން ހޯދުމަށް ޗެލްސީ އިން ވަނީ 212 މިލިއަން ޕައުންޑު ހޭދަކޮށްފަ އެވެ.
ކޮމެންޓް