އިނގިރޭސި ރަސްގެފާނު، ޗާލްސްއާއި ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި

ރައީސް މުއިއްޒު، ކިންގް ޗާލްސްއާ އެކު ބޭއްވެވި ބައްދަލުކުރެެއްވުމުގެ ތެރެއިން

އިނގެރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.

ކިންގް ޗާލްސް އާއި ރައީސް ބައްދަލު ކުރައްވާފައި ވަނީ މަތީ ފެންވަރުގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލު ކުރެއްވުން ބާއްވާފައި ވަނީ ޝާހީ ގަނޑުވަރު ވިންޑްސާ ކާސަލްގަ އެވެ.

އަދި މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ނަމަވެސް އެ މަޝްވަރާތަކުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމާ ދިމާކޮށެވެ. ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

ރައީސް މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ އާއި ހައުސް އޮފް ކޮމަންސްގެ ރައީސް ލިންޑްޒޭ ހޮޔިލްއާ ވެސް ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.