ރާއްޖެއިން ސަމޯއާ އެގްރިމެންޓްގައި ސޮއިކޮށްފި

ސަމޯއާ އެގްރިމެންޓުގައި ގީލާ ސޮއިކުރައްވަނީ

އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕްގެ އިއްތިޙާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުޞަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހޭނެ

ރާއްޖެއިން އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް) ގެ "ސަމޯއާ އެގްރީމަންޓް" ގައި މިއަދު ސޮއި ކޮށްފިއެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯ.އޭ.ސީ.ޕީ.އެސް ގެ އޮފީހުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގީލާ އަލީ އެވެ.

ރާއްޖެއިންވަނީ މިއެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދިވެހިރާއްޖޭގެ ގާނޫނުއާސާސީއާ ފުށުއަރާ މާއްދާތަކަށް "ޑެކްލަރޭޝަން" އަދި "ރެޒަވޭޝަން" ހުށައަޅާފައެވެ.

މި އެއްބަސްވުމަކީ ކުރިއަށް އޮތް ވިހި އަހަރަށް އީ.ޔޫ އާއި އޯ.އޭ.ސީ.ޕީ.އެސް ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. އެ ދާއިރާތަކަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ.

އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕްގެ އިއްތިޙާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުޞަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެއެވެ. އެގޮތުން، ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވާނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.